އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން ކުޅުއްދުއްފުށީ ސިޓީ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާކޮށްފި އެވެ.

އައިބީއެމްއިން ބުނީ ކުޅުއްދުއްފުށީގައި ރައްކާތެރި ގޮތުގައި ޕްލާސްޓިކް ފުޅި ނައްތާލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން "ތާޒާ ވެށި" ޝިއާރުގެ ދަށުން އެ ސިޓީގެ ކައުންސިލަށް ޕްލާސްޓިކް ފުޅި ކަފާ މެޝިނެއް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އައިބީއެމްގެ ކުޅުދުއްފުށީގައި ފެން އުފައްދާ ކާރުހާނާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މެޝެން ކުޅުދުއްފުށީ ސީޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އައިބީއެމްގެ އެމްޑީ އިބްރާހިމް އަންވަރު އެވެ. އަދި ކައުންސިލްގެ ފަރާތުން މެޝިނާ ހަވާލުވެވަޑައިގަތީ މޭޔަރު މުހައްމަދު އާތިފެވެ.

އައިބީއެމުން ބުނީ ކުޅުއްދުއްފުށީ ކައުންސިލް އެކު ބޭއްވި ބައްދަލުވުމެއްގައި އެ ކައުންސިލުން ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުމަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އައިބީއެމް އާއި ކައުންސިލުން ގުޅިގެން ޕްލާސްޓިކާ ދެކޮޅަށް އެ ސިޓީގައި ކުރެވޭނެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

އައިބީއެމްއިން ބުނީ "ތާޒާ ވެށި" ކެމްޕޭނުގެ މަގުސަދަކީ އުކާލެވޭ ޕްލާސްޓިކް މިންވަރު މަދުކުރުމާއި ދެވަނަ ފަހަރަށް ޕްލާސްޓިކް ބޭނުންކުރުމަށް ހިތްވަރުނުދިނުމާއި ޕްލާސްޓިކް ނުހިމެނޭ އުފެއްދުންތައް އާންމުންނަށް ހޯދައިދިނުން ކަމަށެވެ.