ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ ފެއާއެއްގައި ފުރަތަމަ ފަހަރަށް ވަކި މަންޒިލެއް ގޮތުގައި އައްޑޫ އިޝްތިހާރު ކޮށްފި އެވެ.

މިމަހުގެ 13 އިން 15އަށް އިންޑިއާގެ މުންބާއީގައި ކުރިއަށްގެންދާ އޯޓީއެމް ޓްރެވެލް ޝޯގައި ވަނީ އައްޑޫގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތެރިވާ ހުރިހާ ވިޔަފާރިވެރިންނެއް ވަނީ ބައިވެރިވެފަ އެވެ.

އެގޮތުން އައްޑޫގައި އެންމެ ފަހުން ހުޅުވުނު ސައުތުޕާމް ރިސޯޓާއި، ކެނެރީފް އައިލޭންޑް ރިސޯޓުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އައްޑޫގެ ގެސްޓް ހައުސްއެއް ކަމަށްވާ 3 އެސްއިން ބައިވެރިވެފައިވާއިރު، ޓްރެވެލް އެޖެންސީއެއްގެ ގޮތުން ގޯ ޓްރިޕްއިން ވަނީ ހަރަކާތުގެ ޓީމުގައި ބައިވެރިވެފަ އެވެ. އޯޓީއެމް ހަރަކާތުގައި އައްޑޫ ޕްރޮމޯޓް ކުރަނީ "އީކުއޭޓާ ހުރަސްކޮށް އޮތް މުތެއް" މި ޝިއާރުގެ ދަށުންނެވެ.

އިންޑިއާގެ މުމްބާއީގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތާއި ގުޅޭގޮތުން ސައުތުޕާމުން ވިދާޅުވީ، އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ފަތުވެރިން އަންނަމުންދާ އެންމެ ރަނގަޅު އެއް މާކެޓް ކަމަށެވެ. މިފަހަރު އޯޓީއެމް ފެއަރގައި 1000 އަށް ވުރެ ގިނަ އެގްޒިބިޓަރުން 55 ޤައުމަކުން ބައިވެރިވެއެވެ.

އޯޓީއެމް ފެއަރއަކީ އިންޑިއާގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިފަހަރުގެ ހަރަކާތުގައި އައްޑޫ ޕްރޮމޯޓްކުރުމަށް އައްޑޫގެ ވިޔަފާރިތަކުން ގޮސްފައިވާއިރު، މިއީ އައްޑޫ އެކަނި މިފަދަ ހަރަކާތެއްގައި ޕްރޮމޯޓް ކުރެވޭ ފުރަތަމަ ފަހަރެވެ.