ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކުމަށް އިއުލާނު ކޮށްފައިވާ 74 ބިމަށް ބީލަން ހުށައެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައިވާ ގޮތުން "ބީޗް ފްރަންޓް" އިން ވިއްކާ ބިމަށް ބީލަން ހުށަހެޅުން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ. "ބީޗް ސައިޑް" އިން ވިއްކާ ބިމަށް ބީލަން ހުށަހެޅުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށެވެ.

މީގެ ކުރިން ހަމަޖެހިފައި އޮތީ "ބީޗް ފްރަންޓް"ގެ ބިން ވިއްކުން އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އަދި "ބީޗް ސައިޑް" ގެ ބިން ވިއްކުން އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށެވެ.

އެޗްޑީސީއިން ބުނެފައިވަނީ، ގޯތިތަކުގެ މައުލޫމާތު ސާފު ކުރުމަށް ފުރުސަތު ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 3:30 އާއި ޖެހެންދެން ހުޅުވާލާފައިވާ ކަމަށެވެ. އެޗްޑީސީއަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެޗްޑީސީން މިދިޔަ މަހުގެ 18ގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިފަހަރު ވިއްކުމަށް ހުޅުވާލީ ބީޗް ފްރަންޓްގެ 22 ގޯއްޗާއި ބީޗް ސައިޑްގެ 52 ގޯއްޗެވެ. މިގޮތުން ބީލަން ފަށަނީ އަތިރިމައްޗާ ކުރިމަތިން "ބީޗް ފްރަންޓް" އަކަފޫޓަކަށް 6،500 ރުފިޔާ އަދި އަތިރިމައްޗާ ކައިރިން "ބީޗް ސައިޑް" އިން އަކަފޫޓަކަށް 5،500 ރުފިޔާ އެވެ. އެއީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ޖުމްލަ 74 ބިމެކެވެ.

އެޗްޑީސީން ބުނީ ކޮންމެ މީހަކަށް ވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް މިލިއަން ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

ބީޗް ސައިޑުން 52 ބިމަކާއި ބީޗު ފްރަންޓުން 22 ބިން ވިއްކުމަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ހުށަހަޅަންޖެހެ އެވެ. އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1095.05 އަކަފޫޓާއި 2588.14 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާ އެވެ. ބީޗް ސައިޑްގެ ބިމެއް ނަމަ ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 5،500 ރުފިޔާ އެވެ.

ގޯތި ގަންނަ މީހުންގެ ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
  • އެޗްޑީސީން ވިއްކި ހުޅުމާލޭގެ ބިމެއް ބީލަމުގެ އުސޫލުން ގަނެފައިވާ މީހަކަށް ނުވުން.
  • ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް - މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައި ނެތުން.
  • އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން.
  • ބީލަމުން ބިމެއް ގަތުމަށްފަހު އެ ބިން އެހެން މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ މީހަކަށް ނުވުން.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިއަހަރުގެ ފެބްރުއަރީ މަހުވެސް ބިން ވިއްކާފައިވެ އެވެ. އޭރު ބީލަމުގެ އުސޫލުން ދެ ބުރެއްގެ މަތިން ޖުމްލަ 60 ބިން ވިއްކައިގެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ލިބުނެވެ.