މިފްކޯގެ އުފެއްދުންތައް ހިޔާ ފްލެޓް ސަރަހައްދުން ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ސަރަހައްދުގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވައިފި އެވެ.

މިފްކޯގެ މަސްފިހާރަ ހުޅުވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ އިވެންޓުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން ހުސެން އަމްރު އެވެ. މި ފިހާރަ ހުންނާނީ ހިޔާ ފްލެޓް ޓަވަރު 2ގެ ގްރައުންޑް ފްލޯގަ އެވެ.

މިފްކޯ މަސްދަޅުގެ އިތުރުން، ރޯ މަހާއި، ފިނި ކުރި އަދި ގަނޑުކުރި މަސް ލިބެން ހުރެ އެވެ. އޭގެ އިތުރުން، ތައްޔާރުކޮށްފައި ހުންނަ ކުޅިމަހާއި، ޑެވިލް ފިޝް ފަދަ އެއްޗެހި ވެސް އެ ފިހާރައިން ލިބެން ހުރެ އެވެ.

ރޭ ހުޅުވި ފިހާރައާއެކު މިފްކޯއިން މާލެ ސަރަހައްދުގައި ފަސް ފިހާރައެއް އަންނަނީ ހިންގަމުންނެވެ.

މި ފިހާރަ ހުޅުވާފައި ހުންނާނީ މިފްކޯގެ އެހެން ފިހާރަތައްވެސް ހުޅުވާފައި ހުންނަ ވަގުތު ކަމަށްވާ ހެނދުނު 8:30 ން ރޭގަނޑު 10:00 އަށެވެ.

މިފްކޯ މަސްފިހާރައިން ލިބެންހުންނަ އުފެއްދުންތަކުގެ ތެރޭގައި ފަސްމީރު ބްރޭންޑުގެ ދަޅުމަސް، ގަނޑުކުރި އަދި ހިކިމަހުގެ ބާވަތްތަކާއި ވަގުތުން ތައްޔާރުކޮށްލެވޭ މަހުގެ އުފެއްދުންތައް ހިމެނެއެވެ.