އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ، އައިފޯން 14 ޕްރޯ އާއި އައިފޯން 14 ޕްރޯ މެކްސްއަށް ޕްރީ-އޯޑަރު ކުރުމަށް މިއަދު ހުޅުވާލިތާ ދިހަ މިނެޓްގެ ތެރޭގައި ސްޓޮކް ހުސްވެއްޖެ އެވެ.

ދިރާގުން މިއަދު މެންދުރު 2:00 ގައި ޕްރީއޯޑާއަށް ހުޅުވާލުމާ އެކު، ޑިމާންޑު ބޮޑުވެ، އެ ކުންފުނީގެ ވެބްސައިޓް ޑަައުންވި އެވެ.

ޑައިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން "ހުރިހާ" ވިދާޅުވީ މިފަހަރުގެ އައިފޯނަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"ކޮންމެ ފަހަރަކު ވެސް އައި ފޯނަށް ވަރަށް ބޮޑު ލިބޭކަން ފާހަގަކުރެވޭ. އައިފޯނު ކަސްޓަމަރުން އަބަދުވެސް އިންތިޒާރުކުރޭ އާ ފޯނު މާކެޓަށް ނެރޭނެ ދުވަހަކަށް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިފަހަރު އައިފޯނު 14 އަށް އާދަޔާ ހިލާފު ތަރުހީބެއް ލިބުނު ކަމަށް ފާހަގަކުރެވުނު."

މިރުޝާން ވިދާޅުވީ ދިރާގުން އަބަދުވެސް ކަސްޓަމަރުންނަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ފޯނު ލިބޭނެ އިންތިޒާމް ހަމަޖައްސާ ކަމަށެވެ. އެ ގޮތުން މިފަހަރު ވެސް އައިފޯނުގެ ޕްރީއޯޑަރަށް ހުޅުވާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ސްޓޮކް ހުސްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޕަލްގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ އެ ފޯނަށް އޯޑަރު ދިނުމަށް މިއަދު ހުޅުވާލާނެކަން އެ ކުންފުނިން އިއުލާންކުރީ ރޭގަ އެވެ.

"ކަސްޓަމަރުން މި ތިބެނީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން ޕްރީއޯޑާއަށް ހުޅުވާލާނެ އިރަކަށް. އެހެންވެ މިއަދު އަޅުގަނޑުމެން ޕްރީއޯޑާއަށް ހުޅުވާލީ ގިނަ ބަޔަކަށް ފަސޭހަވާނެ ވަގުތަކަށް ބަލާފައި،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން އައިފޯނު ޕްރީ އޯޑަރަށް ހުޅުވާލާފައިވަނީ:

  • އައިފޯން 14 ޕްރޯ - 128ޖީބީގެ ފޯނެއް، 23،899ރ.އަށް
  • ހަ މަސް ވާންދެން، 5 ޖީބީ ޑޭޓާ ހިލޭ 12 މަހަށް ބަހާލައިގެން، މަހަކު ދައްކަން ޖެހެނީ 1،799ރ؛ ފުރަތަމަ މަހު، އެޑްވާންސްގެ ގޮތުގައި 4،999ރ.

އައިފޯނު 14 ޕްރޯ މެކްސް އެއަށް ވުރެ އަގުބޮޑެވެ.

  • އައިފޯން 14 ޕްރޯ މެކްސް - 128ޖީބީގެ ފޯނެއް، 26،299ރ.އަށް
  • 12 މަހަށް ބަހާލައިގެން މަހަކު ދައްކަން ޖެހެނީ 2،019ރ.؛ ފުރަތަމަ މަހު، އެޑްވާންސްގެ ގޮތުގައި 4،999ރ. ނަގާނެ

އެޕަލްގެ އެންމެ ފަހުގެ އައިފޯނު ވިއްކަން މިއަދު ހުޅުވާލިއިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ އެޕަލް ފިހާރަތަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ސްޓޮކް ހުސްވެފަ އެވެ.

މިފަހަރު ނެރުނު އައިފޯނުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ފީޗާއަކީ އެމަޖެންސީތަކުގައި ސެޓެލައިޓާ ކަނެކްޓް ކުރުމުގެ ގާބިލުކަން މި ފޯނުތަކަށް ލިބިފައިވުމެވެ. މިއީ އައިފޯން 14ގައި އެކުލެވޭނެ ކަމަށް ގިނަ ބަޔަކު ހީކުރި ފީޗާ އެކެވެ.

އެމަޖެންސީ ސެޓެލައިޓުގެ ހިދުމަތް ނޮވެމްބަރު މަހު ފެށޭއިރު އައިފޯން 14އާއެކު ފުރަތަމަ ދެ އަހަރު ދުވަހަށް މި ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެއާއެކު އައިފޯން 14ގެ ފޯނުތަކުގައި ސިމް ކާޑެއް ލައްވަން ނުޖެހޭނެ ކަމަށާއި އެފޯނުތަކުގައި ބޭނުން ކުރާނީ އެއް ނަމްބަރަށް ވުރެ ގިނަ ނަމްބަރަށް ސަޕޯޓްކުރާ އީ-ސިމްއެއް ކަމަށް ވެސް އެޕަލްއިން ބުނެފައިވެ އެވެ.