މި މަހުގެ 14 ދުވަސް ތެރޭގައި ރާއްޖެއަށް 51،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 51،400 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 57،724 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުވާލަކު އެވަރެޖްކޮށް 4،380 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.13 މިލިއަނަށް އަރާފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން 160،099 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް އައިސްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި ހިމެނޭ ރަޝިއާއިން 132،704 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ތިންވަނައިގައި ހިމެނޭ ޔޫކޭ އިން ރާއްޖެ އައީ 127،300 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، އިޓަލީ، އެމެރިކާ އަދި ފްރާންސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި 164 ރިސޯޓު ހިންގަމުންދާއިރު، އެ ތަންތަނުގައި 40،053 އެނދު ދަނީ ހިންގަމުންނެވެ. ހޮޓެލްސް އަދި ގެސްޓްހައުސްގެ ގޮތުގައި 863 ތަނެއް ހިންގަމުންދާއިރު އެތަންތަނުގައި ހުރި އެނދުގެ އަދަދު 15،500 އަށް އަރަ އެވެ. މިވަގުތު ރާއްޖޭގައި 155 ސަފާރީ އޮޕަރޭޝަންގައި އޮތްއިރު އެ އުޅަނދުތަކުގައި 1616 އެނދު ހިންގަމުންދާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.