މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި 73.96 ބިލިއަން ރުފިޔާ އަށް ނުވަތަ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ގެ ނިސްބަތުން 108 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފިނޭންސް މިިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ދަރަނި ހުރީ 54.3 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ ނިސްބަތުން 61 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ބަޖެޓުގެ ދަރަނި ވަނީ 55.9 ބިލިއަނަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން 82 ޕަސެންޓަށް އަށް އަރާފަ އެވެ. އަދި ދެވަނަ ކުއާޓަރު ނިމުނުއިރު، އެ އަދަދު ވަނީ 57.32 ބިލިއަން ރުފިޔާ އަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން 84 ޕަސެންޓަށް އަރާފަ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ބަޖެޓުގެ ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ 22.08 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި އަދި އެތެރޭގެ ދަރަނީގެ ގޮތުގައި 35.24 ބިލިއަން ރުފިޔާ އެވެ.

ބަޖެޓްގެ ދަރަނީގެ އިތުރުން، ގެރެންޓީ ދޫކޮށްގެން ނަގާފައިވާ ދަރަނީގެ މިންވަރު 2019 ވަނަ އަހަރު ނިމުނުއިރު 13.7 ބިލިއަން ރުފިޔާ (ޖީޑީޕީގެ ނިސްބަތުން 15 ޕަސެންޓް) ގައި ހުރި ނަމަވެސް މިދިޔަ މާޗު މަސް ނިމުނުއިރު އެ މިންވަރު ވަނީ 13.57 ބިލިއަން ރުފިޔާ (ޖީޑީޕީގެ ނިސްބަތުން 20 ޕަސެންޓް) އަށް އަދި ޖޫން މަސް ނިމުނުއިރު 16.63 ބިލިއަން ރުފިޔާ (ޖީޑީޕީގެ ނިސްބަތުން 24 ޕަސެންޓް) އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ބޭރުގެ 15.7 ބިލިއަން ރުފިޔާގެ ގެރެންޓީ އަދި އެތެރޭގެ 934 މިލިއަން ރުފިޔާގެ ގެރެންޓީ އެވެ.

ބަޖެޓްގެ ދަރަންޏާއި ގެރެންޓީކޮށްފައިވާ ދަރަނި އެއްކޮށްލުމުން، 2019 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 68 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ ނިސްބަތުން 77 ޕަސެންޓްގަ އެވެ.

އެހެން ނަމަވެސް، ދައުލަތުގެ ޖުމްލަ ދަރަނި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ވަނީ 69.44 ބިލިއަން ރުފިޔާ އަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން 102 ޕަސެންޓް އަށް އަރާފަ އެވެ. އަދި ދެ ވަނަ ކުއާޓަރު ނިމުނުއިރު އެ މިންވަރު ވަނީ 73.95 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ ނިސްބަތުން 108 ޕަސެންޓަށް އިތުރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ބޭރުގެ 37.8 ބިލިއަން ރުފިޔާ (ޖީޑީޕީގެ ނިސްބަތުން 55 ޕަސެންޓް) އަދި އެތެރޭގެ 36.2 ބިލިއަން ރުފިޔާ (ޖީޑީޕީގެ ނިސްބަތުން 53 ޕަސެންޓް) ގެ ދަރަންޏެވެ.

މި އަހަރުގެ ތެރޭގައި 7.5 ޕަސެންޓްގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، މައިނަސް 13 ޕަސެންޓް ނުވަތަ އެ އަށް ވުރެ ދަށް މިންވަރެއްގަ އެވެ. އަދި ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ޓޫރިޒަމްގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 29 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު، ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ދިނުމަށްޓަކައި 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ބުނެ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ އަދަދަށް އޯވަޑްރޯ ކުރުމަށްޓަކައި އެކައުންޓްގެ އޯވަޑްރާފްޓް ލިމިޓް އިތުރުކޮށްދިނުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން ބޮޑު ބައި މިހާރު ވަނީ ނަގާފަ އެވެ.

އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ހަރަދުން ފަސް ބިލިއަނަށް ވުރެ ބޮޑު އަދަދެއް ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓްގައި ޖުމްލަ ހަރަދަކީ 37.8 ބިލިއަން ރުފިޔާ އެވެ.