މާލޭގައި މިނީ ބަހުގެ ދަތުރުތައް އިތުރު ދެ ހަފުތާއަށް ހިލޭ ދިނުމަށް އެމްޓީސީސީން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުސަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށެވެ.

ހިދުމަތަށް އަގު ނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ބޭނުންކުރަންޖެހޭ އާރްޓީއެލް ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަކީ ވެސް ސަބަބެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.

ބަހުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ފޯރުކޮށްދޭނެ އެވެ. ބަހުގެ ހިދުމަތް ކޮންމެ 10 މިނެޓަކާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ކޮންމެ ބަސް ސްޓޮޕަކުންވެސް ލިބޭނެ އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މި މަހުގެ 5ގަ އެވެ.

ޓެސްޓު ބުރުތަކަށް ފަހު މިނީ ބަހުގެ ޓިކެޓަކަށް ނަގަން ނިންމާފައި ވަނީ 7 ރުފިޔާ އެވެ.

ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މިނީ ބަސްތަކަށް ފައިސާ ދައްކަން ޖެހެނީ އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމަށްފަހު އެވެ.