މިއަހަރުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދުން މިހާތަނަށް ލިބިފައިވަނީ އެ އަދަދުގެ 8 ޕަސެންޓްކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، މި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ހިލޭ އެހީގެ ގޮތުގައި އަދި ލިބިފައި ވަނީ 248.5 މިލިއަން ރުފިޔާ އެވެ. މިއީ ބަޖެޓުގައި މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދުގެ 8 އިން ސައްތަ އެވެ. ހިލޭ އެހީގެ ގޮތުގައި މިއަހަރު 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައިވަނީ ހިމަނާފަ އެވެ.

ލަފާކުރި ވަރާ ގާތަށް ވެސް މި އަހަރު ހިލޭ އެހީ ނުލިބޭނެ ކަމަށް މިހާރު ލަފާކުރެވޭތީ، މި އަހަރުގެ ބަޖެޓް ދަރަނި އިތުރަށް ބޮޑުވުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ބަޖެޓް ޑެފިސިޓް މިހާރު ވެސް ވަނީ 5.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި އަހަަރަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓް ފާސްކުރީ 73.9 މިލިއަން ރުފިޔާ ފަހުން އިތުރުކޮށްފަ އެވެ. އެގޮތަށް ފާސްކުރީ ހިލޭއެހީ އިތުރަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.