ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމާ ގުޅޭ އުސޫލަށް ބަދަލު ގެނެސް، އެ އުސޫލުގެ ދަށުން ރަށް ނުވަތަ ފަޅު ކުއްޔަށް ހިފަން ދައްކަން ޖެހޭ އަގު ކުޑަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން، ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމަށް އެކުލަވާލާފައިވާ މިންގަނޑު އިސްލާޙުކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގެ މިންގަނޑަކީ އެ ސަރަޙައްދަކުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާއިރު ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރު ހިސާބުކުރުމުގެ މިންގަނޑު ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ ސަރަޙައްދެއްގައި ހިމެނޭ އެކިއެކި ރަށްރަށް ނުވަތަ ބިން ނުވަތަ ފަޅުތަކަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓްގެ މިންވަރު ނިންމާނީ އިއުލާން ކުރި މިންގަނޑުން ހިސާބުކުރުމުން ޖެހޭ މިންވަރަށްވުރެ މަދުނުވާ ގޮތަށް އެ ރަށެއް /ބިމެއް /ފަޅެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތަކާއެކު ކުރެވޭ ނެގޯސިއޭޝަންތަކުގެ ތެރެއިން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އަލަށް ގެނެވުނު ބަދަލާއެކު ހއ.، ހދ.، ޏ. އަދި ސ. އަތޮޅުގެ ބޭސް ރޭޓަކީ 500،000 ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސްރޭޓަކީ އެއްމިލިއަން ޑޮލަރެވެ. މިހާރު އެއަތޮޅުތަކުން ހެކްޓަރަކަށް ޖެހޭ ރޭޓަކީ 50،000 ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި 500،000 ޑޮލަރު ނަގާއިރު 40 ހެކްޓަރަށް ވުރެ ބޮޑެތި ރަށްރަށުން ދެ މިލިއަން ޑޮލަރު ނަގާނެ އެވެ. ކުރިން ބޮޑެތި ރަށްތަކަށް ތިން މިލިއަން ޑޮލަރު ނަގާ ގޮތައް އޮތީ ހަމަޖެހިފަ އެވެ.

ށ. ތ. އަދި ލ. އަތޮޅުގެ ރަށްރަށުގެ މިހާރުގެ ބޭސް ރޭޓަކީ އެއް މިލިއަން ޑޮލަރެވެ. ހެކްޓަރަކަށް ޖެހޭ އަގަކީ އެއް ލައްކަ ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސް ރޭޓަކީ 1.5 މިލިއަން ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ނަގާއިރު 40 ހެކްޓަރަށްވުރެ ބޮޑުނަމަ އެ އަގަކީ ދެ މިލިއަން ޑޮލަރެވެ.

ނ. ރ. ބ. އަދި ޅ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ކުރިން އެއަތޮޅުތަކުގެ ބޭސް ރޭޓަކީ ތިން މިލިއަން ޑޮލަރެވެ. ހެކްޓަރު ރޭޓަކީ ތިން ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގާއިރު 40 ހެކްޓަރަށް ވުރެ ބޮޑުނަމަ އެ އަގަކީ ތިން މިލިއަން ޑޮލަރެވެ.

އެންމެ އަގު ބޮޑީ މާލެ އަތޮޅުގަ އެވެ. މާލެ އަތޮޅުގެ ބޭސް ރޭޓަކީ ތިން މިލިއަން ޑޮލަރެވެ. ނަމަވެސް މިއީ ކުރިއާއި އަޅައިބަލާއިރު ބޮޑު ހެޔޮވުމެކެވެ. ކުރިން މާލެ އަތޮޅުގެ ބޭސް ރޭޓަކީ ފަސް މިލިއަން ޑޮލަރެވެ. މިހާރު މާލެ އަތޮޅުގައި ހެކްޓަރަކަށް ޖެހޭ ރޭޓަކީ ހަ ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ސައިޒް ޕްރިމިއަމްއަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށް ވުރެ ބޮޑުނަމަ ތިން މިލިއަން ޑޮަލަރެވެ.

އއ. އދ. އަދި ވ. އަތޮޅުގެ ރަށްރަށުގެ ބޭސް ރޭޓަކީ ދެ މިލިއަން ޑޮލަރެވެ. ކުރިން އެއީ ތިން މިލިއަން ޑޮލަރުގެ ބޭސް ރޭޓެއް އޮތް އަތޮޅުތަކެކެވެ. މިހާރު ހެކްޓަރު ރޭޓަކީ 450،000 ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުގެ ސައިޒް ޕްރިމިއަމްއަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ތިން މިލިއަން ޑޮލަރެވެ.

މ. ފ. އަދި ދ. އަތޮޅުގެ ރަށްރަށުގެ ބޭސްރޭޓް 1.5 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާއިރު ހެކްޓަރު ރޭޓަކީ ދެ ލައްކަ ޑޮލަރެވެ. 20 ހެކްޓަރާއި 40 ހެކްޓަރުގެ ރަށްރަށުގެ ސައިޒް ޕްރިމިއަމް އަކީ އެއް މިލިއަން ޑޮލަރެވެ. 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ތިން މިލިއަން ޑޮލަރެވެ.

ގއ. އަދި ގދ.ގެ ރަށްރަށުގެ ބޭސްރޭޓަކީ 750،000 ޑޮލަރެވެ. ހެކްޓަރު ރޭޓަކީ 75،000 ޑޮލަރެވެ. ސައިޒް ޕްރިމިއަމްގެ ގޮތުގައި 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ރަށްރަށުން ފަސް ލައްކަ ޑޮލަރު އަދި 40 ހެކްޓަރަށްވުރެ ބޮޑު ނަމަ ދެ މިލިއަން ޑޮލަރެވެ.

ރިސޯޓް ހަދަން ރަށާއި ފަޅު ކުއްޔަށް ދޭ އަގު ކުޑަކޮށްފައި މިވަނީ މިއުސޫލުގެ ދަށުން ބައެއް ރަށްރަށުގެ އެއާޕޯޓް ހަދަން އިއުލާން ކުރި ރަށްތަކަށް އެކަށީގެންވާ ތަރުހީބެއް އިންވެސްޓަރުންގެ ފަރާތުން ނުލިބުމުންނެވެ.