ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ހަތަރު ވަނަ ޕްރޮގްރާމް ލ. އަތޮޅުގައި ބޭއްވުމަށް ރަޖިސްޓްރޭޝަންއަށް ހުޅުވާލައިފި އެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

އެ ކުންފުނިން ބުނިގޮތުގައި މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. އަންހެން ކުދިންނަށް ކޯޑުކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެޗްޓީއެމްއެލް. އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ހިމެނެ އެވެ. އަދި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކުރުވުމާއި އަދި ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކުރުމަށްޓަކައި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރުގައި ފެށި ޓްރެއިނިން ސީރީސްއެކެވެ.

މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބޭއްވުނީ ފުވައްމުލަކުގަ އެވެ. އަދި މިޕްރޮގްރާމްއަށް ލިބުނު ތަރުހީބުގެ ސަބަބުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަނީ މި ސީރީސްގެ 2 ވަނަ ޕްރޮގްރާމް ގދ.ތިނަދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ހަމަ އެއަހަރު ފަހުކޮޅު ސީރީސްގެ ތިން ވަނަ ޕްރޮގްރާމް ހދ. ކުޅުއްދުއްފުށީގައި ކުރިއަށް ގެންދެވުނެވެ.

ލ. އަތޮޅުން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://www.womenintechmv.org މި ވެބްސައިޓްއަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅުއްވާށެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު 22 ގެ ނިޔަލަށެވެ.