ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓްގެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ. އަދި ލޯނު އަނބުރާދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ވެސް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ލޯނަށް އެދި ހުށަހަޅަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ [email protected] އަށެވެ.

ކޮވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ބޭންކް އޮފް މޯލްޑިވްސްއާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ.