ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެސްޓީއޯ އިން ފާހަގަ ކުރަމުން އަންނަ "ވޯކް ޓު ވޯކް ޑޭ" ފާހަގަކުރުމަށް މިއަދު އެސްޓީއޯގެ މުވައްޒަފުން ވަޒީފާއަށް ނުކުތީ ހިނގައިފަ އެވެ.

އުއްމީދަކީ ވަކި އުމުރަކަށް ބެލުމެއް ނެތި މި ހަރަކާތް ވަރަށް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިޔުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މި ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް މިއަދު އޮފީހަށް ނުކުތީ ހިންގަވައިފަ އެވެ.

އެސްޓީއޯގެ އެމްޑީ އަމްރު ހިނގާފައި އޮފީހަށް ދަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބުނީ ކުންފުނީގެ މުވައްޒަފުން މުޅި ދުވަހު އުޅޭނީ ފައިމަގުގައި ކަމަށެވެ. އެސްޓީއޯ އިން މިފަދަ ހަރަކާތެއް ފަށައި ކޮންމެ އަހަރަކު ސެޕްޓެމްބަރު މަހުގެ 3 ވަނަ ބުރާސްފަތި ދުވަސް މި ފާހަގަކުރަނީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުނެވެ. އެ ކުންފުނީގެ މުވައްޒަފުން ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރުދީ އާންމު ފަރުދުން ވެސް ހިނގާފައި އުޅުމަށް ލޯބި ޖެއްސުމުގެ ގޮތުން ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.

އެސްޓީއޯ އިން އަބަދުވެސް އަންނަނީ މުވައްޒަފުންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމަށް މަސައްކަތްކޮށް، ސިއްހަތަށް ފައިދާ ހުރި ގިނަ ކަންކަން މުވައްޒަފުންގެ މެދުގަޔާއި އާންމުންނަށް ހުޅުވާލައިގެން ރާވައި ހިންގަަމުންނެވެ.

އެސްޓީއޯ މުވައްޒަފުން ފައިމަގުގައި ހިނގާފައި އޮފީހަށް ދަނީ.. ފޮޓޯ: އެސްޓީއޯ

އެގޮތުން، އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ފާއިތުވި ދުވަސްތަކުގައި ރާވައި ހިންގާފައިވެ އެވެ. އެސްޓީއޯގެ ހައުސްތަކުގެ މެދުގެ ބާއްވާ ގިނަ ކުޅިވަރުގެ ހަރަކާތްތަކުންނާއި ގައުމީ ފެންވަރުގައި ކުޅޭ މުބާރާތްތަކުގައި އެސްޓީއޯ އިން މުވައްޒަފުން ބައިވެރިކުރުމަކީ މިކަމުގެ ދަލީލެކެވެ. ހަމަ އެއާ އެކު، އެސްޓީއޯ އާއި އެސްޓީއޯ ގުރޫޕް ކުންފުނިތަކުގެ މުވައްޒަފުންނަށް ޒަމާނީ ވަސީލަތްތަކާ އެކު ތައްޔާރުކޮށްފައިވާ ޖިމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

އެސްޓީއޯގެ އަމާޒަކީ މުވައްޒަފުންނާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމާ މެދު ހޭލުންތެރިކުރުވައި، ސިއްހަތަށާއި، ތިމާވެއްޓަށް ފައިދާ ހުރި އާދަތައް މުޖުތަމައުގައި އަށަގެންނެވުމަށް މަސައްކަތް ކުރުމެވެ.

އެސްޓީއޯގެ މެސެޖަކީ "ތިބާގެ އަމިއްލަ ހަށިގަނޑުދެކެ ލޯބިވާށެވެ. އަދި ވަށައިގެންވާ މާޙައުލު ސާފުކުރުމަށް ލޯބިކުރާށެވެ."