ހޮރައިޒަން ފިޝަރީޒް އިން މަސްކިރާވަރު ލިމިޓްކޮށް މަހުގެ އަގު ދަށްކޮށްފި އެވެ.

ރާއްޖޭގެ އަމިއްލަ ކުންފުޏެއް ކަމަށްވާ ހޮރައިޒަންއިން ހިންގާ މާންދޫގައި ހިންގާ މަސް ފެކްޓްރީއިން ވަނީ މިއަދުން ފެށިގެން ކޮންމެ ދޯންޏަކުން ކިރާނީ 12 ޓަނުގެ މަސްކަމަށް ކަނޑައަޅާފަ އެވެ.

މިގޮތަށް ވަކި މިންވަރެއް ކަނޑައެޅީ، ވީހާ ވެސް ގިނަ ދޯނިތަކަކަށް މަސް ކިރުވުމުގެ ފުރުސަތު ދިނުމަށް ކަމަށާއި މަސް ލިބޭ ނިސްބަތުން، ދުވަހުން ދުވަހަށް މި އަދަދު ބަދަލުވެދާނެ ކަމަށްވެސް އެކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

މާންދޫއިން ވަނީ މަސް ގަންނަ އަގު ވެސް ދަށްކޮށްފަ އެވެ.

ދެން މާންދޫން މަސް ގަންނާނީ:

  • 1.5 ކިލޯ އިން މަތީގެ ފިނިކުރި މަސް ، 15.50ރ އަށް
  • ފިނި ނުކުރާ މަސް، 13.50ރ އަށް
  • 1.5 ކިލޯ އިން ދަށުގެ ފިނިކުރި މަސް ގަންނާނީ 7.50ރ އަށް
  • 1.5 ކިލޯ އިން ދަށުގެ ފިނި ނުކުރާ މަސް 5.50ރ އަށް

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު މަސްވެރިކަން ތިޔާގިވެފައިވާއިރު މަސްވެރިން ބާނާ މަސް ކިރޭނެ ކެޕޭސިޓީ ނެތުމުން މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިއްޔެ އައްޑޫ ރަހާ ދޯނިން ބޭނި 22 ޓަނުގެ މަހުގެ ތެރެއިން 20 ޓަނުމަސް ވަނީ ކަނޑަށް އަޅާލާފަ އެވެ. އަދި ދެ ޓަނުމަސް ފިޔޯރީ ރައްޔިތުންނަށް ހިލޭ ބަހާފަ އެވެ.