ޓޫރިޒަމާބެހޭ ގާނޫނަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރެއްވުމާ ގުޅިގެން ގްރީން ޓެކްސް އަލުން ނަގަން ފަށައިފި އެވެ.

އެ ގާނޫނަށް ގެނައި 12 ވަނަ އިސްލާހަކީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން މީރާއިން ވަނީ ގްރީން ޓެކްސް ގަވާއިދަށް ވެސް އިސްލާހުތަކެއް ގެނެސްފަ އެވެ. މި ގޮތުން، ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުގެ މަތިން، ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، އިއްޔެގެ 00:00 ގައި ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ، އިއްޔެގެ 00:00 ކަމަށް މީރާއިން ބުނެ އެވެ. އަދި، 21 ސެޕްޓެމްބަރު އިން ފެށިގެން ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުގެ ގޮތުގައި ބޭނުންކުރަން ވާނީ 21 ސެޕްޓެމްބަރު 2022 ފެށުމާ ހަމައަށް ބޭނުންކުރަމުން އައި ގެސްޓް ރެޖިސްޓްރޭޝަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީބުން ކަމުގައި މީރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި ޖުލައި 3 2022 އިން ފެށިގެން 20 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ދައްކާފައި ނުވާނަމަ، އެ ޓޫރިސްޓަކު ހުރި ތަނެއް ނުވަތަ އުޅަނދެއް ހިންގާ ފަރާތުން އެ ފައިސާ ގްރީން ޓެކްސް ބަޔާނުގައި ހިމަނައިގެން މީރާއަށް ދައްކަންވާނެ އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށާއި ގްރީން ޓެކްސް ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލްކުރުމަށް މީރާއިން އިލްތިމާސްކުރެ އެވެ.