ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ޖޫން މަހު އިފްތިތާހުކުރި ފެހި ޕްރޮޖެކްޓް ލިބޭ ރަށްތައް އިއުލާންކޮށްފި އެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެބޭންކުން ތައާރަފް ކުރި "ފެހި ޕްރޮޖެކްޓް" އަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގުސަދުގައި ތައާރަފްކުރި ޕްރޮޖެކްޓެކެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓް ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ އަހަރަކު ވެސް ފަސް ރަށެއް ހޮވުމަށް ހަމަޖެހިފައިވާއިރު މިއަހަރު އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައި ވަނީ ނ. މާފަރު، ޅ. ހިންނަވަރު، މ. ދިއްގަރު، ތ. ގުރައިދޫ އަދި ގދ. ގައްދޫގަ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން ހޮވުނު ރަށްތަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެ ކަމަށާއި މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވުނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.