މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ލިބުނު އާމްދަނީއަށް ވުރެ މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް ލިބުނު އާމްދަނީ ވަނީ 36 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ.

މިއީ ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 48 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޯ އެވެ. އޮމާންއިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 722 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކެވެ.

ކަސްޓަމްސްއިން ބުނީ އިމްޕޯޓު ކުރި އަދަދު އިތުރުވުމާ އެކު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 288 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ އޮގަސްޓުމަހު މި އަދަދު ވަނީ 391 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 36 އިންސައްތަ އިތުރު އަދަދެކެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް އޮގަސްޓުމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު، މި އަހަރުގެ އޮގަސްޓުމަހު އެކްސްޕޯޓުކޮށްފައި ވަނީ 115 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 53 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތް، މޮރިޝަސް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 84 އުޅަނދެއް އައިސްފައިވެއެވެ. އަދި 103 އުޅަނދެއް ފުރާފައިވެ އެވެ.