މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.15 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހު 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،157،183 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެ މުއްދަތުގައި މިދިޔަ އަހަރު އައިސްފައި ވަނީ 840,099 ޓޫރިސްޓުންނެވެ.

މި މަހުގެ 21ގެ ނިޔަލަށް 78،548 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ މަހުގެ އެ މުއްދަތުގައި އައިސްފައި ވަނީ 84،133 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާ ކަމަށެވެ. އެ ގައުމުން 163،717 މީހުން މިހާތަނަށް ރާއްޖެ އައިސްފައިވާއިރު ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 137،501 މީހުން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ 164 ރިސޯޓެއް އޮޕަރޭޓްކުރެ އެވެ. ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 40،053 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.

މީގެ އިތުރުން މިހާތަނަށް 866 ހޮޓަލަކާއި ގެސްޓްހައުސް އަދި 154 ސަފާރީއެއްގައި 2864 އެނދު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.