ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ދެ ޓަވަރުން ފްލެޓް ލިބުނު މުވައްޒަފުންނަށް އަންނަ މަހު ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްއޭސީއެލްގެ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނިން ތަރައްގީ ކޮށްފައިވާ ދެ ޓަވަރަށް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ފްލެޓް ލިބުނު މުވައްޒަފުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްއޭސީއެލްގެ އިން ބުނެ އެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ ފްލެޓް ލިބުނު މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި މުވައްޒަފުން ހުށައެޅި ކަންތަކުގެ ތެރެއިން މިދަންނަވާ ކަންތައްތައް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

  • އެޕާޓްމަންޓް ގަތުމަށް ޖުމްލަ ދައްކަންޖެހޭ ފައިސާގެ އަދަދު 15 އަހަރުން 20 އަހަރަށް ބަދަލުކުރުން
  • ގެރެންޓާގެ ޝަރުތުތައް އުނިކޮށް އެޕާޓްމަންޓް ގަތުމަށް ޖުމްލަ ދައްކަންޖެހޭ ފައިސާގެ ތެރެއިން މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު މުވައްޒަފުންގެ މަހު މުސާރައިން އުނިކުރުން

ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށް، އެމްއޭސީއެލް ފްލެޓްތަކުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ހިޔާ ޕްރޮޖެކްޓްގެ ދަށުން އެމްއޭސީއެލްއިން 14 ބުރީގެ ދެ ޓަވަރު ވަނީ ތަރައްޤީކޮށްފަ އެވެ.

އެމްއޭސީއެލް ހިޔާ ޓަވަރުގައި ޖުމްލަ 384 އެޕާޓްމަންޓް ހިމެނެއެވެ. އެއީ ދެ ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ 240 އެޕާޓްމަންޓާއި، 1 ކޮޓަރީގެ 72 އެޕާޓްމަންޓެވެ.

އެމްއޭސީއެލްގެ ހިޔާ ފްލެޓްތައް ދިނުމަށް ތައްޔާރުވަމުން އަންނައިރު ސްޓެލްކޯގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އަދި އެމްޕީއެލްގެ ފްލެޓްތައް ވެސް ނިންމާ މިހާރު އޮތީ ހަވާލުކުރުމުގެ މަރުހަލައިގަ އެވެ.