ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަގާމަށް ޓޫރިޒަމު ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު، މުހައްމަދު ސޮލާހު ހަމައްޖައްސައިފި އެވެ.

ޓޫރިޒަމް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ސޮލާހް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން ހުންނެވީ ދުބާއީގައި ހުންނަ ޒާޔާ ހޮސްޕިޓާލިޓީ ގްރޫޕުގެ ކްލަސްޓާ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމުގަ އެވެ.

ސޮލާހަކީ ރާއްޖެއިން ބޭރުގައި ހޮސްޕިޓަލިޓީ ދާއިރާގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވި މަދު ދިވެހިންގެ ތެރެއިން އެކަކެވެ.

ސޮލާހް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއޯއޯގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުން ފެށިގެންނެވެ.

ޓޫރިޒަމް ދާއިރާއާ 2002 ވަނަ އަހަރު ގުޅުނު ސޮލާހު އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ މީރު އައިލެންޑް ރިސޯޓުގެ ރިސެޕްޝަނިސްޓް/ޓެލެފޯން އޮޕަރޭޓަރު ކަމެވެ. އޭގެ ފަހުން އޭނާ ވަނީ އެ ދާއިރާގައި ދެ ހާހުގެ އަހަރުތަކުގައި ގިނަ މެނޭޖީރިއަލް ރޯލުތަކެއް އަދާކޮށްފަ އެވެ.

މީރު އައިލެންޓް ރިސޯޓުގައި މަސައްކަތްކުރަމުން ދަނިކޮށް ލިބުނު ފުރުސަތެއްގެ އޭނާ ވަނީ ހޮސްޕިޓާލީޓީ ދާއިރާއިން ބެޗެލާސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ. އަދި މަތީ ތައުލީމު ހާސިލުކުރައްވަން އުޅުއްވި ދުވަސްވަރު އޭނާ ވަނީ މެލޭޝިއާ އަދި ޝީޝެލްސްގައި މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފަ އެވެ. ކިޔަވާ ވިދާޅުވުމަށް ފަހު އަލުން މީރު އައިލެންޑް ރިސޯޓާ ގުޅި ފްރަންޓް އޮފީސް މެނޭޖަރު ކަމާއި ގެސްޓް ސާވިސަސް މެނޭޖަރު ކަން ވެސް ކުރެއްވި އެވެ.

މީރު އައިލެންޑް ރިސޯޓަކީ ވެސް ކްރައުން އެންޑް ޗަމްޕާ ކަލެކްޝަނުގެ ދަށުން ހިންގާ ރިސޯޓެކެވެ.