ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ނިންމައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ އާ ރަންވޭ ބޭނުން ކުރަން ފެށުމުން ފްލައިޓުތައް ޖައްސަން ހޭދަވާ ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި އައު ރަންވޭ ބޭނުންކުރަން ފެށުމާ އެކު އަންނަ މަހުގެ ހަވަނަ ދުވަހު ސީ ޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކުރީގެ ސަރުކާރުން ފެށި އެ އެއާޕޯޓް ތަރައްގީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު ދަށުން އާ ރަންވޭގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އަދި އެ ރަންވޭގެ މަސައްކަތް ނިންމައި 2018 ވަނަ އަހަރުގެ ފަހުކޮޅު ޓެސްޓް ފްލައިޓް ވެސް ވަނީ ޖައްސައިފަ އެވެ.

އެމްއޭސީއެލް އިން ވަނީ މި ހަފްތާގެ ކުރީކޮޅު ވަނީ އާ ރަންވޭގައި އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ވެސް ހަރުކޮށްފަ އެވެ. އެ ސިސްޓަމަކީ މޫސުމީ ހާލަތަށް ބަލައި، މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ. އެ ސިސްޓަމް ހަރުކުރީ ސިސްޓަމް ޓެސްޓުކުރުމަށް ފަހު އެވެ.

ވީއައިއޭގެ އާ ރަންވޭއަކީ 3،400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑްއެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑު ބޯޓު އެއާބަސް A380 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ގޮތަށް ތަރައްގީކުރި ރަންވޭއެކެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި ސީޕްލޭން ޓާމިނަލް ވެސް އޮކްޓޫބަރު ހަވަނަ ދުވަހުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ހަތަރު ފަންގިފިލާގެ އައު ސީ ޕްލޭން ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ރިސެޕްޝަން އޭރިއާގެ ގޮތުގަ އެވެ. އެގޮތުން މިހާތަނަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހުރިހާ ޚިދުމަތްތައް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ. އެ ކުންފުނީގެ ފްލީޓްގައި 57 ސީ ޕްލޭން ބޭނުންކުރެ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ލައުންޖްތައް ހުންނާނީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާއިން ފެށިގެންނެވެ. އަދި ޚިދުމަތް އަވަސް ކުރުމަށް ހަތަރު ލިފްޓާއި އެސްކަލޭޓަރެއް ވެސް ހުރެ އެވެ.

މީގެ އިތުރުން ވިއައިޕީއަށް ޚާއްސަ ލައުންޖެއް އަލަށް ތަރައްގީކޮށްފައިވާ ސީ ޕްލޭން ޓާމިނަލްގައި ހުރެ އެވެ.