ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފި އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މިހާތަނަށް ނުވިކި ހުރީ 1+2 ގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓް. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެއް ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބިއިރު 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވެފައި ވަނީ 235 މުވައްޒަފުން ކަމަށެވެ.

އެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ މެދުގައި ރޭ ގުރުއަތުލުން ކުރިއަށް ގެންދިޔައިރު އެ ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް 25 ސެޕްޓެމްބަރުގައި ވަނީ ސާކިއުލާއަކުން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އާންމުކޮށްފަ އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ގުރުއަތުލުން ކުރިއަށް ގެންދިޔައީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވިގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެ މުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް ވައްޓާލައިގެންނެވެ. އަދި އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައި ވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުން މިއަދު ހެނދުނު ކުރިޔަށް ގެންދަނީ. ފޮޓޯ: ސްޓެލްކޯ

ދެ ކެޓަގަރީއަށް ވެސް ވަކިވަކިން ގުރުއަތު ނަގާފައިވާއިރު، ހޮވުނު ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކަށް ލިބޭ ޔުނިޓް ވެސް ނަގާފައިވަނީ ގުރުއަތުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ނުވިކިހުރި ޔުނިޓްތަކަށް ރޭ ގުރުއަތު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން ވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ނަގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ މިރޭ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާ ހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާ ނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން،" ސްޓެލްކޯއިން ބުންޏެވެ.

ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ރެއަކީ އެއްބަޔަކަށް އުފާވެރި ރެއެއް ކަމަށާއި، އަނެއްބަޔަކަށް އުފާވެރިނުވި ނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ހިތްހަމަ ޖެހުން ލިބެނީ ދެ ފުއްފެންނަ، އެއްވެސް އޮޅުވާލުމެއް ނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީކަން މެނޭޖިން ޑިރެކްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.