އަމާޒަކީ އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ ބޯޑް ގަވަނާސް ބައްދަލުވުމުގެ ސެމިނާގައި ޒޫމް މެދުވެރިކޮށް ވާހަކަދައްކަވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކީ ގައުމުގެ ޖީޑީޕީގެ 47 ޕަސެންޓް ކަމަށެވެ. އަދި ދައުލަތައް ލިބޭ އާމްދަނީގެ 46 ޕަސެންޓަކީ ޓޫރިޒަމުން ލިބޭ އާމްދަނީކަން ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ. އެހެންކަމުން ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ރީއިމޭޖިނިން ޓޫރިޒަމް: ކަމިން ބެކް ފްރޮމް ދަ ބްރިންކް" ނަމުގައި ބޭއްވި މި ސެމިނާގައި ޑރ. މައުސޫމްގެ ވާހަކަފުޅު އަލިއަޅުވާލައްވާފައި ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ޓޫރިޒަމް ކުރިން އޮތް ހާލަތައް ދިއުމާ ގުޅޭގޮތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މާޗް 27، 2020 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާއެކު ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރު އަލުން ޓޫރިޒަމަށް ހުޅުވާލިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ފުރަތަމަ ދެ މަހު ފަތުރުވެރިން އައި އަދަދު ދައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް އެއަށްފަހު ރާއްޖޭގެ ޓޫރިޒަމް އައީ މަޑުމަޑުން ރަނގަޅުވަމުން ކުރިން އޮތް ހާލަތައް ރުޖޫއަވަމުން ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފެށުނުއިރު ރާއްޖޭގެ ޓޫރިޒަމް ހުރީ އިއާދަވެފައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް އެހާ އަވަހަށް އިއާދަވުމުގެ އަސްލު ސަބަބަކީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިވާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް ތެދުވެރި ވަފާތެރި ޓޫރިސްޓުން ގިނަވުމަކީ ވެސް ރާއްޖޭގެ ޓޫރިޒަމް ކުރިން އޮތް ހާލަތަށް ގެންދިއުމަށް އެހީވެދިން ކަމެއްގެ ގޮތުގައި ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ. އަދި ސަބަބަކީ ރާއްޖެއަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު އަންނަ ޓޫރިސްޓުން އިތުރުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ މިއަހަރު ރާއްޖޭގައި މުޅިން އަލަށް ދިހަ ރިސޯޓް ހުޅުވޭނެ ކަމަށެވެ. އަދި މީގެ ތެރެއިން ތިން ރިސޯޓް މިހާރު ވަނީ ހުޅުވާފައި ކަމަށާއި އަންދާޒާއަކީ މީގެ ފަހުން ކޮންމެ އަހަރަކު ޓޫރިޒަމަށް 8،000 އެނދު ނެރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާއިރު އަމާޒަކީ 1.6 މިލިއަން ޓޫރިސްޓުން ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމެވެ. އަދި މި އަމާޒު ހާސިލްވާނެކަމުގެ ޔަގީންކަން މިހާރު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހި ފަނީ ދެ މިލިއަން ޓޫރިސްޓުން ކަމަށާއި އެ އަހަރުގެ ޓާގެޓަކީ 14.5 މިލިއަން ބެޑް ނައިޓްސް ކަމަށް ޑރ. މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވަނީ އަންނަ އަހަރާ ކުރިމަތިލާނީ ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭނާ އެކުގައިކަން ފާހަގަކުރައްވައިފަ އެވެ. އަދި މި މާސްޓާ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވޭނެ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.