Advertisement

ލޯން ދެއްކުން ފަސްކޮށްދޭ ސްކީމްގައި 8 ބޭންކެއް ހިމަނައިފި

FacebookTwitterWhatsAppTelegramViber

ވިޔަފާރިތަކަށާއި އެކި ކަންކަމަށް ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމަށް ނިންމާފައިވާ ޕްރޮގްރާމްގައި އަށް ބޭންކަކުން ބައިވެރިވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ތިންވަނަ ފަހަރަށް ގައުމާއި މުހާތަބުކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއިއެކު ރާއްޖޭގައި ހިންގާ 8 ބޭންކަކުން މިހާރު ބައިވެރިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިތުރު ބޭންކްތަކުގެ ނަންތަކެއް ރައީސް ވިދާޅެއް ނުވެ އެވެ.

މިހާތަނަށް 15،000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ފަސްކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން 13،199 ލޯނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ރިލީފް ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން މިހާރު ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފަ އެވެ.

"ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް، ހާއްސަ ޕެކޭޖެއް ކަނޑައެޅިފައިވާ ކަމަށާއި އެފަދަ މީހުން ދެނެގަނެ، އެއިން ކޮންމެ މީހަކަށް، މަހެއްގެ މައްޗަށް 5000 ރުފިޔާގެ ރޭޓުން މިހާރު އެލަވަންސް ދޫކުރަމުން އަންނަކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ބީއެމްއެލް އާއި އެސްޑީއެފްސީ އިން ދޫކުރާ ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފަ އެވެ. މިއީ، އެއްވެސް ރަހުނަކާ ނުލައި އަހަރަކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި، ތިން އަހަރުން ދައްކައި ހަލާސްކުރާ ގޮތަށް ދޫކުރާ ލޯނުތަކަކެކެވެ. މި ލޯނުތަކުގައި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު، އެ މުއްދަތުގެ ތެރޭގައި އެއްވެސް އިންޓަރެސްޓެއް ނާރާނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top