Advertisement

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓޫރިޒަމް ކުންފުނި ކަމަށްވާ ޔުނިވާސަލް އިން ރ. ފާރުފުށީގައި ހެދި ރިސޯޓު.

އަހަރުގެ ފަހު 6 މަސްދުވަހު ރިސޯޓްތަކުން ދައްކަންޖެހޭ ބިމު ކުލި ފަސްކޮށްދީފި

FacebookTwitterWhatsAppTelegramViber

ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިސޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ހަމަ މިއާއި އެކު ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ލޯންތައްވެސް ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

މިއީ މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމަށާއި މިއީ ވަރަށް މަދުން ނޫނީ، ކުރިމަތިވެފައި ނެތް ޙާލަތެއް ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މިފަދަ ހާލަތްތަކުގައި، ކުރިމަގަށް ރަނގަޅު ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށާއި އެހެންކަމުން، ރާއްޖޭގެ އިގްތިސާދު އަލުން ފަށައިގަންނައިރު، އާ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާއިރު، މި ބައްޔަށް ފަހުގައި އާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށްވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ އަދި އިޖުތިމާއީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ގައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަަގަކުރެއްވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓެއް ހުއްޓި ވަރަށް ގިނަ ފާރާތްތަކެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން އަމިއްލަ ފިޔަފާރިވެރިންގެ ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ހީނަރުވެ ގިނަ ބައެއްގެ ވަޒީފާއަށް ވަނީ ނުރަނގަޅު އަސަރުކޮށްފަ އެވެ.

ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top