Advertisement

ފްލައިޓެއް އެއާޕޯޓުން ނައްޓާލަނީ/ ފޮޓޯ: އޭވިއޭޝަން މޯލްޑިވްސް

ހާލަތު ރަނގަޅުނަމަ ޖުލައި މަހު އެއާޕޯޓާއި ރިސޯޓްތައް ހުޅުވާނެ: ރައީސް

FacebookTwitterWhatsAppTelegramViber

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްނުވެ ރަނގަޅުވެއްޖެ ނަމަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލައި ރިސޯޓްތައް ހުޅުވަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާއި މުހާތަބުކުރައްވާ ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު ކަނޑައަޅަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، ފުރަބަންދުގެ ހާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

މިގޮތުން، ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާއްމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ،" ރައީސް ވިދާޅުވި އެވެ.

މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެއިން ފުރަބަންދުގެ ހާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައް ވެސް ހަމަކުރެވޭނެ ކަމަށެވެ.

"ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާނަމަ، ފުރަބަންދުގެ ޙާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް. ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކުރައްވައިގެން ނުވާނެ" ރައީސް ވިދާޅުވި އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top