މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސާދީ ވަސީލަތައް ހެދުމުގެ ވަގުތު ޖެހިއްޖެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ހިތޯބުގައި، މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް، އަދި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ފޮނުއްވާފައިވެ އެވެ.

ރައީސްގެ ޚިތާބުގައި، ކޮވިޑްގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިވި ދަތިތަކާއެކު، ރާއްޖޭގެ އިގްތިސާދީ ސިންދަފާތުކުރުމުގެ މުހިންމުކަން ހާމަވެފައިވާކަމަށް ވިދާޅުވި އެވެ. އަދި، ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި މުޅިން ހުއްޓުމަކަށް ނައިސް އޮތީ، މަސްވެރިކަމުގެ ސިނާއަތްކަން ފާހަގަކުރައްވައި، ކޮވިޑްގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް، ގައުމީ ފެންވަރުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި މި ސިނާއަތް އިތުރަށް ފުޅާކޮށް މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއްވާ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޮވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިގްތިސާދީ ދެވަނަ ސިނާއަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަން ކަމަށެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިގްތިސާދީ އަދި ސިއްހީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށް، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވިއެވެ. މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އަ އެވެ. ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަން ވެސް ހުއްޓިގެންދިޔައެވެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ޚިތޯބުގައި، އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ގާޢިމުކުރުމާއި، އައިސް ލިބުމުގެ ދަތިކަން ޙައްލުކޮށްދިނުމަށް މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ މެރިކަލްޗާގެ ޒަރީއާއިން މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކެއް، އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްގީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8،000 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެ އެވެ." ރައީސް ވިދާޅުވި އެވެ.