އިންޑިއާއިން ރާއްޖެއަށް އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.

މި ކްރެޑިޓް ފެސިލިޓީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ މި އެހީ ދިނުމުގެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑް އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ތެރެއިން އިތުރު 100 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ އުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުމަކީ، ރާއްޖޭގެ އިޖްތިމާޢީ އަދި އިގްތިސޯދީ ދުޅަހެޔޮކަމާއި، އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.