Advertisement

ޕެންޝަނަށް 2019 ގައި 1.18 ބިލިއަން ޖަމާކުރި، 91 މިލިއަން ދޫކުރި

FacebookTwitterWhatsAppTelegramViber

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) އަށް މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 1.184 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، 91 މިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި ދޫކުރެވިފައިވާ ކަަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ޕެންޝަން އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް އެމްއާރުޕީއެސް ސްކީމްގައި ޖުމްލަ 100،225 މެމްބަރުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ 42،650 މުވައްޒަފަކާއި އަމިއްލަ ފަރާތްތަކުގެ 57،575 މުވައްޒަފެކެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން، މިދިޔަ އަހަރު އެމްއާރުޕީއެސްގެ މެންބަރުންގެ ފަރާތުން ކޮންޓްރިބުއިޝަންގެ ގޮތުގައި ޖުމްލަ 1.184 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ، 2018 ވަނަ އަހަރަށްވުރެ 8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ 2018 އަހަރާ އަޅާބަލާއިރު މަހެއްގެ މައްޗަށް އިތުރު 0.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެވްރެޖް ގޮތެއްގައި މަހެއްގެ މައްޗަށް 99 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު ސްކީމަށް ޖުމްލަ ޖަމާކޮށްފައިވާ ފައިސާއަށް ބަލާއިރު، އަމިއްލަ ފަރާތްތަކުން 61 އިންސައްތަ ޖަމާކޮށްފައިވެ އެވެ. އަދި ޕަބްލިކް ސެކްޓަރުން ހިއްސާކުރަނީ ޖަމާކުރި ޖުމްލަ އަދަދުގެ 39 އިންސައްތަ އެވެ.

ފާއިތުވެދިޔަ 2018 ވަނަ އަހަރު ޕެންޝަން ފައިސާގެ ގޮތުގައި ޖުމްލަ ދޫކުރި އަދަދު 58.5 މިލިއަން ރުފިޔާގައި ހުރިއިރު، އެ އަދަދު 2019 ވަނަ އަހަރުވަނީ 91 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

"ޕެންޝަން ފައިސާގެ ގޮތުގައި ޖުމްލަ ދޫކުރި އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، 2019 ވަނަ އަހަރު ޕެންޝަނާބެހޭ ގާނޫނަށް ގެނެވުނު 4 ވަނަ އިސްލާހާއި ގުޅިގެން، އަސާސީ ޕެންޝަންގެ މިންވަރު 5000 ރުފިޔާއަށް ބަދަލު ކުރުމެވެ. އެހެންކަމުން، މަހަކު އެވްރެޖް ގޮތެއްގައި 7.6 މިލިއަން ރުފިޔާ ދޫކުރެވުނެވެ،" ރިޕޯޓްގައިވެ އެވެ.

އެމްއާރުޕީއެސްގެ މައިގަނޑު މަގްސަދަކީ ވަޒީފާއަދާކުރާ ދުވަސްވަރު، ފަހަށް ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި އަދި ރިޓަޔަ ކުރުމަށްފަހުގައިވެސް މާލީ މިނިވަންކަން ލިބިގެންވާ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގުފަހި ކޮށްދިނުމެވެ. އެމްއާރުޕީއެސް އަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ޕެންޝަނަށް ބަލާ މުސާރައިގެ ޖުމްލަ 14 އިންސައްތަ ނަގައިގެން، އެ ފައިސާ އިންވެސްޓްކޮށްގެން ހިންގޭ ސްކީމެކެވެ. މި ސްކީމްގެ ބައިވެރިންނަށް ޕެންޝަން ކޮންޓްރިބިއުޝަނުގެ ގޮތުގައި ޖަމާކުރެވޭ ފައިސާގެ އިތުރުން، އިންވެސްޓްމެންޓުގެ ފައިދާވެސް ލިބެ އެވެ.
އެމްއާރުޕީއެސްގެ މައްސަލަ މި ދުވަސްވަރު ވަނީ ބޮޑުވެފަ އެވެ. އެއީ، ކޮވިޑް-19 އާ ގުޅިގެން ވަރަށް ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ އަށް އަސަރުކޮށްފައިވާތީ، އެމްއާރުޕީއެސްގައި ހުރި ފައިސާ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދާތީ އެވެ.

އެހެން ނަމަވެސް، ސަރުކާރުން ބުނެފައި ވަނީ، އެމްއާރުޕީއެސް އަކީ އިންވެސްޓްކުރާ ފަންޑެއް ކަމަށާއި އެ ފަންޑުގައި ހުރި ފައިސާގައި އަތްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top