Advertisement

ގައިޑްލައިން ހެދީ މަޝްވަރާނުކޮށް، ރާއްޖޭގެ ތަސައްވަރަށް އަސަރުކުރާނެ: މަޓާޓޯ

FacebookTwitterWhatsAppTelegramViber

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭ ގައިޑްލައިން އެކުލަވާލީ އެއްވެސް ވަރަކަށް މަޝްވަރާނުކޮށް ކަމަށާއި އެ ގައިޑްލައިންގެ ސަބަބުން ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މަޓާޓޯ އިން ބުނެފި އެވެ.

މަޓާޓޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ގައިޑްލައިން ޑްރާފްޓް ކުރުމުގެ މަރުހަލާގައި މަޝްވަރާކުރި ކަމަށް ބުނި ނަމަވެސް، ކަން ހިނގާފައި ވަނީ އެގޮތަށް ނޫން ކަމަށެވެ. އެ ގައިޑްލައިން ހިޔާލާއި މަޝްވަރާ އަށް ލިބިފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"އެހެން ނަމަވެސް، ގައިޑްލައިން ރިވިއުކޮށް، ފައިނަލް ކުރުމުގެ ކުރިން ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ހިޔާލާއި މަޝްވަރާ ހޯދަން ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތަށް މަރުހަބާ ކިޔަމެވެ،" ބަޔާނުގައިވެ އެވެ.

މަޓާޓޯ އިން ބުނީ، މި ގައިޑްލައިން މިހާރު އޮތް ގޮތުން، މިދިޔަ 40 އަހަރުދުވަހުގެ ތެރޭގައި ބިނާކުރި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑްގެ އަގުވެއްޓޭނެ ކަމަށެވެ. އަދި މިހާރުވެސް އޮންލައިން ފޯރަމްތަކުގައި ފަތުރުވެރިންގެ ފަރާތުން ގައިޑްލައިންއާ ދެކޮޅަށް ވަރަށް ގިނަ ކޮމެންޓް ކޮށްފައިވާކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

"ރާއްޖެ އަށް އެންމެ ބޮޑު އަދަދެއްގެ އާމްދަނީ ވަންނަ ސިނާއަތް އިތުރަށް ހީނަރުވެގެން ނުދާނެ ފަދަ ގޮތަކަށް، ބެލެންސް ސިޔާސަތުތަކެއް ގެންގުޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ،" ބަޔާނުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލައި ހިޔާލަށް ހުޅުވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ، ރާއްޖެ އަލުން ހުޅުވާލާއިރު ޓޫރިސްޓުންނަށް އާދެވޭނީ "ސޭފް ޓޫރިޒަމް ލައިސެންސް" އޮންނަ ތަންތަނަށް ކަމަށެވެ. މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނަށެވެ. އެގޮތުން، މި ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށް ކަމަށް ގައިޑްލައިންގައި ވަނީ ހުށަހަޅާފަ އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމްގެ ގައިޑްލައިންގައިވާ ގޮތުން، ސުޕަ ޔޮޓުތަކާއި ޖެޓުތަކުގައި އަންނަ ފަތުރުވެރިންނަށް ޖޫން މަހު ރާއްޖެ ހުޅުވާލެވޭނެ އެވެ. އެގޮތުން، ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން ރާއްޖެ ވަންނަން 10،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ.

މީގެ އިތުރުން، ކުރިން ޓޫރިސްޓުންނަށް ހިލޭ އޮންއެރައިވަލް ވިސާ ލިބޭއިރު، ވިސާ ފީގެ ގޮތުގައި 100 ޑޮލަރު ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ނަގާނެ ކަމަށް މި ޑްރަފްޓްގައި ބުނެފައިވެ އެވެ. މީގެ އިތުރުންވެސް ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު ކޮރޯނާވައިރަސް އަށް ޓެސްޓް އެއާޕޯޓްގައި ހަދާއިރު، ކޮންމެ ޓެސްޓަކަށް 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުގެ އަތުން ޗާޖް ކުރާނެ އެވެ.

މި ގައިޑްލައިންގައިވާ ކަންތައްތައް ފައިނަލްކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިޔާލަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޯޑަރު އަދި ފަތުރުވެރިކަމުގެ ސިނާއަތް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top