Advertisement

ބޭރު ޤައުމުތަކުގެ ދަރިވަރުން މަދުވެދާނެ ކަމުގެ ބިރު ޔުނިވަރސިޓީތަކަށް

FacebookTwitterWhatsAppTelegramViber

ކޮރޯނާވައިރަސް ވަބާ އިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ އިޤްތިޞާދީ ސެކްޓަރަކީ ކޮބައި ބާވައެވެ؟ ޖަވާބަކީ، ކޮންސްޓްރަކްޝަން ހެއްޔެވެ؟ ރީޓެއިލް ހެއްޔެވެ؟ ޓްރާންސްޕޯޓް ހެއްޔެވެ؟ ނުވަތަ ކޭޓަރިންގ ހެއްޔެވެ؟

ނޫނެކެވެ. ޖަވާބަކީ އެއިން އެއްވެސް ސެކްޓަރެއް ނޫނެވެ. އާދެ، ޖަވާބަކީ އެޑިއުކޭޝަނެވެ.

ތަޢުލީމީ ދާއިރާއަކީ ވަރަށް ގިނަ ބަޔަކު އިޤްތިޞާދުގެ ބައެއް ކަމަށް ނުބަލައި ހިނގާދާނެ އެވެ. ތަޢުލީމު ޙާޞިލުކުރުމާ ގުޅިފައިވާ ހައިބަތާ އެކު، އެއީ، ފައިސާ އާއި، މާލިއްޔަތަށް ވުރެ މަތީ ދަރަޖައަކުން ބަލާނެ ކަމެއް ބާވައެވެ؟

ނޫނެކެވެ! ފައިސާ އަކީ، ތަޢުލީމަށް ދިރުންދޭ ލެޔެވެ. މުއްސަނދި އިސް ދަރިވަރުންގެ ފަރާތުން ލިބޭ ފައިސާ އާއި، ކޭޓަރިންގ އާއި އެކޮމޮޑޭޝަން ފީތަކާއި، ކޮންފަރެންސް ފެސިލިޓީތަކާއި، ކޮންމެ އަހަރަކު ވެސް ފީ ދައްކާ ދަރިވަރުން ވެއްދައިގެން ލިބޭ އާމްދަނީ އެވެ.

މިހާރު ތަޢުލީމީ ދާއިރާ އަށް ދިމާވެފައިވާ ކަމަކީ، އެހެން ސެކްޓަރުތަކެކޭ އެއްގޮތަށް ކޮރޯނާވައިރަސް ވަބާގެ ގެއްލުން ވުމެވެ.

އެތަކެއް ސަތޭކަ އަހަރެއް ވަންދެން ޔުނިވަރސިޓީތަކުގެ ބިޒިނަސް މޮޑެލަކަށް ވެފައި އޮތީ، ޤައުމުގެ އެކި ކަންކޮޅުތަކުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސް ކޮޓަރިތަކުގައި އެއްކޮށްގެން އެކަކު އަނެކަކާ ވާހަކަދެއްކުމެވެ. އާދެ، ކިޔަވައިދިނުމެވެ.

އެކަން މިހާރު ހުއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ޔުނިވަރސިޓތަކަށް އާމްދަނީ ލިބޭނެ ހުރިހާ ގޮތްތަކެއް ހުއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުން ވަނީ ގެއަށް ފޮނުވާލެވިފަ އެވެ. އަދި ގިނަ ކޯސްތައް ވަނީ އޮންލައިން ކޮށް ކިޔަވައދޭ ގޮތަށް ބަދަލުކޮށްފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑައަޅާފައިވާ ފުރަބަންދު މެދުކެނޑުމެއް ނެތި ކުރިޔަށް ދާނަމަ، އަންނަ ޚަރީފު މޫސުމުގައި އާ ދަރިވަރުން ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އަދި އަމުދުން ކެމްޕަސް އަށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ޝައުޤުވެރިކުރުވުމަކީ، އަދި މާ އުނދަގޫ ކަމަކަށް ވާނެ އެވެ.

އޭގެ އިތުރަށް ކޮންފަރެންސްތަކެއް ނުބޭއްވެ އެވެ. އަދި އެމުއްސަނދި އިސްދަރިވަރުން ގެ މުއްސަނދިކަމެއް މިހާރު ފެންނާކަށް ނެތެވެ.

މި ގޮންޖެހުން އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ، ހުޅަނގުގެ އިނގިރޭސި ބަހުން ވާހަކަދައްކާ ޤައުމުތަކުގެ ޔުނިވަރސިޓީތަކަށެވެ. އެ ޔުނިވަރސިޓީތަކުން ޑޮމެސްޓިކް ދަރިވަރުން އަތުން ނަގާ ފީ ވެސް މާ ބޮޑެވެ. އަދި ކޭޓަރިންގ އާއި އެކޮމޮޑޭޝަނުން ވެސް ގިނަ ޢަދަދެއްގެ ފައިސާ ހޯދައެވެ.

އަދި އަމުދުން ބޭރު ޤައުމުތަކުގެ ދަރިވަރުން އަތުން ބޮޑެތި ފީ ނަގައި، ގިނަ ޔުނިވަރސިޓީތަކަށް އާމްދަނީ ހޯދުމުގެ މުހިއްމު މަޞްދަރަތަކަށް ވަނީ ހަދާފަ އެވެ. މިސާލަކަށް ދަންނަވާނަމަ، އިނގިރޭސވިލާތުގައި އަންޑަރގްރަޖުއޭޓް ލެވެލް ގައި ކިޔަވާ، އިނގިރޭސިވިލާތާއި، އީޔޫން ބޭރު ޤައުމުތަކުގެ ދަރިވަރެއްގެ އަތުން، އަހަރީ ފީއަކަށް ނަގާ މިންވަރު ޢާއްމުކޮށް ޑޮމެސްޓިކް ދަރިވަރުން އަތުން ނަގާ 9،000 ޕައުންޑުގެ ބަދަލުގައި 58،600 ޕައުންޑާ ހަމައަށް ވެސް އަރައެވެ.

އެހެންކަމުން، ގިނަ ބަޔަކަށް ގުލޯބަލައިޒޭޝަން ގިނަ ބަޔަކަށް މާނަކުރެވެނީ، ދުނިޔޭގެ އެކި ޤައުމުތަކުން އަގުހެޔޮ މުދާ އެތެރެކުރުން ކަމަށް ވާއިރު، ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޤްތިޞާދީ ކާމިޔާބީގެ އެއްބަޔަކީ، ބޭރު ޤައުމުތަކުން ކިޔަވާކުދިން ޝައުޤުވެރިކުރުވައިގެން ގެނައުމެވެ.

އޮކްސްފޯޑް ޔުނިވަރސިޓީ ގެ ޕްރޮފެސަރ އޮފް ހަޔަރ އެޑިއުކޭޝަން ސައިމަން މާގިންސަން ވިދާޅުވާ ގޮތުގައި، ދުނިޔޭގެ ޤައުމުތަކުގައި މެދުފަންތީގެ މީހުން ނުވަތަ 'މިޑްލް ކުލާސް' އަށް ނިސްބަތްވާ މީހުން ގިނަވެގެން ދިއުމަކީ، ހުޅަނގުގެ ޔުނިވަރސިޓީތަކަށް ލިބުނު ރަންގަޑެކެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، ތަރައްޤީވެފައިވާ ޤައުމުތަކުގައި ހުރި ފެންވަރުގެ ޔުނިވަރސިޓީތަކެއް ނެތުމާއެކު، ހުޅަނގުގެ ޤައުމުތަކުގައި ކިޔަވާ ކުދިންނަށް ލިބެނީ، މާ މަތީ ފެންވަރުގެ ޑިގްރީތަކެވެ. އޭގެ އިތުރަށް ބޭރު ބަހެއް ދަސްވެ، ގިނަ ރަޙްމަތްތެރިންނާއި، ކޮންޓެކްޓަތަކެއް ލިބިގެންދެއެވެ. އެހެންކަމުން، އެތަކެއް މިލިޔަން ދެއްކުމުން އެވަރަށް ފައިދާ ވެސް ލިބެއެވެ.

ބޭރު ދަރިވަރުން ޝައުޤުވެރިކުރވުމުގައި އެންމެ ކާމިޔާބު ޤައުމުތަކަކީ، އެމެރިކާ އާއި، އިނގިރޭސިވިލާތާއި، އޮސްޓްރޭލިޔާ އެވެ. މި ތިން ޤައުމު ގައި ވެސް އިނގިރޭސި ބަހުން ކިޔަވައިދޭ ފެންވަރު ރަނގަޅު ޔުނިވަރސިޓީތައް ހުރުމާ އެކު، މުޅި ދުނިޔެ އިން ފީ ދައްކާނެ ދަރިވަރުން ހޯދައެވެ.

އެމެރިކާ ގައި މިދިޔަ އަހަރު 360،000 ޗައިނާ ދަރިވަރުން ކިޔެވުން ފެށި އެވެ. ބޭރު ދަރިވަރުން ގެ ފަރާތުން ލިބޭ ފައިސާ އިން އެމެރިކާގެ އިޤްތިޞާދަށް 45 ބިލިޔަން އެމެރިކާ ޑޮލަރު ލިބޭ ކަމަށް އަންދާޒާކުރެވެއެވެ.

ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ފަރާތުން އޮސްޓްރޭލިޔާގެ އިޤްތިޞާދަށް އަހަރަކު 20 ބިލިޔަން އެމެރިކާ ޑޮލަރު ލިބޭ އިރު، ބޭރު ދަރިވަރުންގެ މާކެޓަކީ، އެތަކެއް އަހަރެއް ވަންދެން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީތަކުގެ އަމާޒުފަތްގަޑެކެވެ.

އޮސްޓްރޭލިޔާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ދާދި ފަހުން ވިދާޅުވެފައިވަނީ، ކޮރޯނާވައިރަސް ލޮކްޑައުން ގައި ބޭރު ދަރިވަރުންނަށް އަމިއްލަ ޚަރަދުތައް ނުބެލެހެއްޓޭ ނަމަ، އަމިއްލަ ޤައުމަށް ދިއުމަށް ވިސްނުން ރަނގަޅެވެ.

މިއީ، އިތުރު ބޭރު ދަރިވަރުން އޮސްޓްރޭލިޔާ އަށް ޝައުޤުވެރި ކުރުވުމަށް އޮތް ގޮންޖެހުމެއް ކަމަށް ޔުނިވަރސިޓީތަކުގެ ވެރިން ދެކެލައްވަ އެވެ.

އެހެންވެއްޖެ ނަމަ، އެއީ، އެތަކެއް އަހަރެއް ވަންދެން އޮސްޓްރޭލިޔާ ޔުނިވަރސިޓީތަކަށް ގެއްލިގެންދާ ބޮޑު އާމްދަނީ އެކެވެ.

އެމެރިކާގެ ޔުނިވަރސިޓީ ސެކްޓަރަކީ، މާސިންގާ ބޮޑު ސެކްޓަރެކެވެ. އެމެރިކާގެ އެންމެ ދުވަސްވީ އެންމެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުގައި އެތަކެއް ބިލިޔަން ޑޮލަރެއްގެ ރިޒާވް އެބަ ހުއްޓެވެ. އެހާ މަޝްހޫރުވުމުން ދަރިވަރުންގެ އަތުން ބޮޑު ފީއެއް ނަގައެވެ. އެކަމަކު، އެފަދަ ޔުނިވަރސިޓީތައް ވެސް ވަނީ މިހާރު ބަންދުކުރަން ޖެހިފަ އެވެ.

އެމެރިކާ ގައި ކިޔަވަމުންދާ ގިނަ ބޭރު ޤައުމުތަކުގެ ދަރިވަރުން މިހާރު ޑިމާންޑް ކުރަމުންދަނީ، ގެއްލިފައިވާ ކުލާސްތަކުގެ ބަދަލުގައި ފީ އިން އެބައި އުނިކޮށްދިނުމަށެވެ. ހަމަ އެގޮތަށް އިނގިރޭސިވިލާތު ގައި ކިޔަވަން ތިބި ބޭރު ދަރިވަރުން ވެސް ދަނީ ރިފަންޑަށް އެދެމުންނެވެ.

ޑާޓްމަތު ކޮލެޖުގެ ޓަކް ސްކޫލްއޮފް ބިޒިނަސް ގެ އަރާހުރި ޕްރޮފެސަރު ވިޖޭ ގޯވިންދަރަޖަން ވިދާޅުވާ ގޮތުގައި، ކެމްޕަސް ގައި ކުލާސްތައް ހިންގުމަކީ އަންނަ ޚަރީފު މޫސުމުގައި ކުރެވިދާނެ ކަމެއް ކަމާ މެދު ޝައްކެވެ. އޭނާ ވިދާޅުވާ ގޮތުގައި، ވަގުތީގޮތުން ނަމަވެސް، ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމަށް ޔުނިވަރސިޓީތަކުން އަވަސްވެގަތް އިރު، އެއީ ދަރވަރުންނަށް އެހާ ޝައުޤުވެރިވާ ގޮތެއް ނޫނެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ފޭސް-ޓު-ފޭސް ކޮށް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ދީފިނަމަ، އޮންލައިން ކޮށް ކިޔެވުމުމަކީ އެހާ ހައިބަތުހުރި ގޮތެއް ކަމަކަށް ނުވަތަ އެއީ ފެންވަރު ރަނގަޅު ތަޢުލީމެއް ކަމަކަށް ދަރިވަރުން ނުބަލައެވެ. ވަޒީފާ ދޭ ފަރާތްތަކާއ، މުޖްތަމަޢު ގެ މެދުގައި ވެސް އޮންލައިން އެޑިއުކޭޝަން ގެ ތަޞައްވުރު އޮތީ ދަށްކޮށެވެ.

އިނގިރޭސިވިލާތުގެ ކޭމްބްރިޖް ޔުނިވަރސިޓީން އެނައުންސްކުރި ގޮތުގައި، އަންނަ ތަޢުލީމީ އަހަރު އެ ޔުނިވަރސިޓީގެ ހުރިހާ ލެކްޗަރތަކެއް އޮންނާނީ އޮންލައިން ކޮށެވެ. އެކަމަކު، ސަރުކާރުގެ އިރުޝާދު ބަދަލުވެއްޖެ ނަމަ، އޮންލައިންކޮށް ކިޔަވައިދޭ ދިނުން މުރާޖަޢާކުރާނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ވަނީ ހާމަކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކާއި، ކޮލެޖްތަކުން އަވަސް އަރައިގަނެގެން ވަނީ، އޮންލައިންކޮށް އަދި ރިމޯޓްކޮށް ކިޔަވައިދިނުމަށް ބަދަލުކޮށްފައެވެ. ސަބަބަކީ، އެކަން އެ ގޮތަށް ކުރަން މަޖްބޫރުވުމެވެ. ދުނިޔޭގެ ބޮޑުބައި ފުރަބަންދު ގައި އޮވެ، އިޖްތިމާ ގައިދުރުވުން އާދަޔަކަށް ވެފައި ވުމާއެކު، އެހެން އިޚްތިޔާރެއް ޔުނިވަރސިޓީތަކަށް ނެތެވެ. ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ހޯދުމަށް އޮތް ހަމައެކަނި މަގަކީ ވެސް އެއީ އެވެ.

އެކަމަކު، ލިބެމުންދިޔަ އާމްދަނީ ހުއްޓުމުން، ބަނގުރޫޓުނުވެ ހިފަހައްޓާލެވޭނީ ކިތައް ޔުނިވަރސިޓީއަކަށް ކަމެއް ސާފެއް ނޫނެވެ. އަދި ހަމަ އެއާއެކު، އޮންލައިންކޮށް ކިޔަވައިދިނުމަށް އައި ބަދަލަކީ، ދާއިމީ ކަމެއް ކަމެއް ވެސް އަދި ސާފެއް ނޫނެވެ. އެއް ތަނެއް ގައި ތިބެގެން ޔުނިވަރސިޓީ ގައި ކިޔަވައިދިނުމަކީ، އެތަކެއް ޒަމާންތަކެއް ވަންދެން ކާމިޔާބު ބިޒިނަސް މޮޑެލެކެވެ. އަދި ކެމްޕަސް އަށް ޙާޒިރުވެގެން ކިޔެވުމަކީ، ބޮޑު ޝަރަފެއް ލިބޭ އަދި ދައިވަރުންނަށް ބޮޑެތި ފައިދާތައް ލިބޭ މޮޑެލެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top