އެމްޑީޕީގެ ވެރިކަމުގައި ފާއިތުވި 4 އަހަރު ކުރެވުނު މަސައްކަތުން އެތައްހާސް ވަޒީފާ އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ފަހަރަށް ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމަށްވާއިރު، މި ސިނާއަތް ކުރިއެރުވުމަށް އޮތް އެންމެބޮޑު ހުރަހަކީ ރިސޯޓްތައް އިތުރުނުވެ އޮތުމާއި، ދިވެހިންނަށް ވަޒީފާ ލިބޭ މިންވަރު މަދުވުން ކަމަށެވެ. ނަމަވެސް ފާއިތުވި 4 އަހަރުގެ ތެރޭގައި މި ސިނާއަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ސިޔާސަތުގެ ދަށުން މުޅިން އަލަށް 33 ރިސޯޓެއް ހުޅުވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ 50 އަހަރު ފުރިފައިވާއިރު ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބަ އޮތްކަމަށެވެ. އަދިވެސް އިތުރު ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކަމަށާއި، އެ ރިސޯޓުތައް ހުޅުވުމުން، ރާއްޖޭގެ ރިސޯޓުތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވިގެންދާނެ. އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެކަމުގެ ހަގީގީ މަންފާ ލިބޭނީ، ތައުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.