މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރެވޭ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް ރޭ ވަރަށް ކުލަގަދަ ހަފްލާއެއް ވެސް ވަނީ ބާއްވާފަ އެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ބޭފުޅުންނެއް ބައިވެރިވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު އެވޯޑުތަކެއް ވެސް ދެވުނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިސަރުކާރުން ގައުމީ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު މާޒީގެ ތެރެއަށް ޖެހިލުމުން ފެންނަން ހުރީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާއިރު، މާޒީގެ ސަފްހާތަކުން ފެންނާން އޮތް ހަގީގަތަކީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން އެމްޑީޕީން އިދިކޮޅުގައި ތިބެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމެވެ.

މިއަދު ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުން ވެސް އެތައްބަޔަކު ދައްކަމުންދަނީ އެވާހަކަ އެވެ.

ހަގީގަތަކީ އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ރައީސް ނަޝީދަށް ކުރި ޖަލު ހުކުމާއި ގުޅިގެން ވެސް ރާއްޖެއަށް ފަތުރުވެރިން ނައުމަށާއި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ބޮޑެތި ކެމްޕެއިންތަކެއް ހިންގާފައިވެ އެވެ.

އަދި ރާއްޖެ ބައިވެރިވާ ފެއާތަކަށް އެމްޑީޕީގެ އިސްވެރިން ގޮސް ރާއްޖެއަށް ނައުމަށާއި ރާއްޖެއަކީ ޑިމޮކްރެސީއެއް އޮތް ތަނެއް ނޫންކަމަށްބުނެ ފަތުރުވެރިކަން ފުޑާލަން މަސައްކަތް ކުރި ކަމެވެ.

ނަމަވެސް ދާދިފަހުން ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން އެމްޑީޕީން ދުވަހަކު ވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.