Advertisement

ފަތުރުވެރިކަން ހުޅުވާލުމާ ގުޅޭ ގައިޑްލައިންގައި ހިމެނި ފީތައް އުނިކޮށްފި

FacebookTwitterWhatsAppTelegramViber

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭ ގައިޑްލައިންގެ ފުރަތަމަ ޑްރާފްޓްގައި ހުރި ފީތައް އުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މި ގައިޑްލައިންތަކުގެ ތިންވަނަ ޑްރާފްޓާ ހަމައަށް މިހާރު ވާސިލްވެފައިވާ ކަމަށާއި އެގޮތުން ތިންވަނަ ޑްރާފްޓްގައި އެ ފީތައް ނުހިމެނޭ ކަމަށެވެ. އެގޮތަށް ނިންމީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގައިޑްލައިންގައިވާ ކަންތައްތައް ފައިނަލްކުރާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިޔާލަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެގޮތުން، މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން، ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ގެންދަވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން، ރޭ ވަނީ މަޓީ އާއި އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލްގެ އިސްވެރިންނާ އެކު ދަރުބާރުގޭގައި ވެސް ބައްދަލުވުމެއް ބާއްވަވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލައި މިދިޔަ އަންގާރަ ދުވަހު ހިޔާލަށް ހުޅުވާލި "ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ޑްރާފްޓުގައި ބުނެފައިވަނީ، ރާއްޖެ އަލުން ހުޅުވާލާއިރު ޓޫރިސްޓުންނަށް އާދެވޭނީ "ސޭފް ޓޫރިޒަމް ލައިސެންސް" އޮންނަ ތަންތަނަށް ކަމަށެވެ. މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ތަންތަނަށެވެ. އެގޮތުން، މި ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށް ކަމަށް އެ ޑްރާފްޓްގައި ވަނީ ހުށަހަޅާފަ އެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމްގެ ގައިޑްލައިންގައިވާ ގޮތުން، ސުޕަ ޔޮޓުތަކާއި ޖެޓުތަކުގައި އަންނަ ފަތުރުވެރިންނަށް ޖޫން މަހު ރާއްޖެ ހުޅުވާލެވޭނެ އެވެ. އެގޮތުން، ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން ރާއްޖެ ވަންނަން 10،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ.

މީގެ އިތުރުން، ކުރިން ޓޫރިސްޓުންނަށް ހިލޭ އޮންއެރައިވަލް ވިސާ ލިބޭއިރު، ވިސާ ފީގެ ގޮތުގައި 100 ޑޮލަރު ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ނަގާނެ ކަމަށް އެ ޑްރަފްޓްގައި ބުނެފައިވެ އެވެ. މީގެ އިތުރުންވެސް ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު ކޮރޯނާވައިރަސް އަށް ޓެސްޓް އެއާޕޯޓްގައި ހަދާއިރު، ކޮންމެ ޓެސްޓަކަށް 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުގެ އަތުން ޗާޖް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން ނަމަވެސް، މިހާރު މި ގެނައި ބަދަލުތަކާއެކު އެ ފީތަކެއް ދެން ނުނަގާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުދަ ދުވަހުގެ ރޭ ގައުމާ މުހާތަބުކުރައްވައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ ބޯޑަރު އަދި ފަތުރުވެރިކަމުގެ ސިނާއަތް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލަން އަންނަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top