Advertisement

ސެޕްޓެމްބަރު މަހު ވެކްސިން ސަޕްލައިކޮށްދިނުމަށް އަސްޓްރާސެނެކާ އިން ތައްޔާރު

FacebookTwitterWhatsAppTelegramViber

ކޮރޮނާވައިރަސް އަށް އަލަށް އުފައްދާ ވެކްސިން ސެޕްޓެމްބަރު މަހު އުފައްދަން ތައްޔާރު ކަމަށް ބޭސް އުފައްދާ ބޮޑު ކުންފުނި އަސްޓްރާސެނެކާ އިން އިޢުލާންކޮށްފި އެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، 400 މިލިޔަން ޑޯޒް ވެކްސިން އުފައްދައި ޑެލިވަކުރުމަށް، މިހާރު ވެކްސިނެއް އުފެއްދުމަށް ދެވަނަ ޓްރަޔަލް ގައިވާ އޮކްސްފޯޑް ޔުނިވަރސިޓީ އާ އެކު ވަނީ ޑީލްހަދާފަ އެވެ.

އަސްޓްރާސެނެކާ އިން ހާމަކުރާ ގޮތުގައި، މިއަހަރާއި، އަންނަ އަހަރު AZD1222 ވެކްސިން ގެ 1 ބިލިޔަން ޑޯޒް އުފެއްދުމުގެ ގާބިލްކަންއެ ކުންފުންޏަށް ލިބިގެން ވެ އެވެ.

މިހާރު ކުރިޔަށް ދަނީ، އެ ވެކްސިން ގެ ފުރަތަމަ ޓްރަޔަލްތަކެވެ. މި ވެކްސިން ކާމިޔާބު ނުވެދާނެ ކަމަށް ވެސް އަސްޓްރާސެނެކާ އިން ގަބޫލުކުރެއެވެ.

އެކަމަކު އެ ކުންފުނިން ބުނާ ގޮތުގައި، އެ ވެކްސިން ގެ ކްލިނިކަލް ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެމީހުން ތިބީ ނިންމައިގެންނެވެ.

ކޮރޯނާވައިރަސް އަށް ވެކްސިނެއް އުފެއްދުނަސް، އެ ވެކްސިނުން ބަލިން ރައްކާތެރިވުމަށް ފުރިހަމަ ރައްކާތެރިކަން ނުދީފާނެ ކަމަށް ސައިންޓިސްޓުން ވަނީ އިންޒާރުދީފަ އެވެ. އަދި އެއްގޮތަކަށް ވެސް ވެކްސިނެއް ނުއުފެއްދިދާނެ ކަމުގެ އިންޒާރު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ދެއްވާފަ އެވެ.

މިހުރިހާ ޝައްކުތަކާ އެކު ވެސް، ސައިންސްވެރިން ދަނީ ކެނޑިނޭޅި ވަރުގަދަ ރިސާޗްތައް ކުރަމުންނެވެ. މިގޮތުން ބަލާއިރު، ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 ވަރަކަށް ގުރޫޕުން ދަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތް އެކުންފުނިން ކުރާނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކަމަށް އަސްޓްރާސެނެކާ އިން ބުނެއެވެ. އަދި ވެކްސިން އުފެއްދުމާއި ޑިސްޓްރިބިއުޝަން އިތުރުކުރުމުގެ މަޤްޞަދު ގައި އެ ކުންފުނިން މިހާރު ދަނީ އިންޑިއާ ގެ ސެރަމް އިންސްޓިޓިއުޓް އާ މަޝްވަރާކުރަމުން ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

ވެކްސިނެއް އުފެއްދައި، ޑެލިވަރކުރުމަށް ޓަކައި، މަސައްކަތަށް އެ ކުންފުންޏަށް އެމެރިކާގެ ބަޔޯމެޑިކަލް އެޑްވާންސްޑް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީން ދީފައިވާ ކަމަށް އަސްޓްރާސެނެކާ އިން މަޢުލޫމާތު ދެއެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top