Advertisement

މޫޑީސް އިން ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި

FacebookTwitterWhatsAppTelegramViber

މޫޑީސް އިންވެސްޓާ ސާވިސަސް އިން ރާއްޖެ އަށް ދީފައިވާ، ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފި އެވެ.

މިދިޔަ ދެ އަހަރު ވެސް މޫޑީސް އިން ރާއްޖެ އަށް ދީފައި ވަނީ، ނެގެޓިވް އައުޓްލުކަކާ އެކު "ބީ2" ގެ ރޭޓިން އެކެވެ.

އެހެން ނަމަވެސް، މި އަހަަރުގެ ކްރެޑިޓް ރޭޓިން ނެގެޓިވް އައުޓްލުކަކާ އެކު "ބީ3" އަށް ދަށްކުރުމަށް ފަހު، މޫޑީސް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ، މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖޭގައި ވެސް ފެތުރިފައިވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވާތީ،ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަަމަށެވެ. އެގޮތުން، ބޭރު ފައިސާ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެ އަށް ކުރިމަތިވެ، ދައުލަތުގެ އާމްދަނީ އަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މޫޑީސް އިން ބުނީ، މި މާލީ ދަތިތަކުގެ ސަބަބުން ރާއްޖޭން ބޭރުގެ މާކެޓުގައި ބޮންޑް ވިއްކަން ކުރާ މަސައްކަތްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ސަރުކާރުން ވަނީ ޖަޕާން މާކެޓަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން މިި އަހަރު ނިންމާފަ އެވެ. އެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ.

މޫޑީސް އަކީ ރާއްޖެ އަށް އެންމެ ފުރަތަމަ ކްރެޑިޓް ރޭޓިން ދޭން ފެށި އެޖެންސީ އެވެ. އެގޮތުން، 2017 ވަނަ އަހަރު އެ އެޖެންސީން ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިންއެއް ދިންއިރު، ދީފައި ވަނީ ޕޮޒިޓިވް އައުޓްލުކަކާ އެކު "ބީ2" ގެ ރޭޓިން އެކެވެ. އެހެން ނަމަވެސް، ޖެހިގެން އައި އަހަރު ވަނީ ނެގެޓިވް އައުޓްލުކަކަށް ދަށްކޮށްފަ އެވެ.

ރާއްޖެ އަށް ކްރެޑިޓް ރޭޓިން ދެނީ ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީސް އިންވެސްޓާސް އިންނެވެ. މި ދެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކު ރާއްޖެއާ ގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ ހިސާބުތަކާ ބެހޭ މައުލޫމާތު ހޯދައި އަދި ރާއްޖެ އަށް ޒިޔާރާތްކޮށް، ކަމާ ބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހޯދަމުންނެވެ.

މޫޑީސް އިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަށްކުރިއިރު، ފިޗު ރޭޓިންސް އިން ވެސް ވަނީ ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން، މިދިޔަ އޭޕްރީލް މަހު "ބީ" އަށް ދަށްކޮށް، "ނެގެޓިވް" އައުޓްލުކެއް ދީފި އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top