އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ ފަށައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

އަމި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އިމާރާތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރެ އެވެ.

މީގެއިތުރުން އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާކިންގ ސަރަހައްދެއްވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.

މިނިސްޓްރީން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށްވާއިރު އެ އެއާޕޯޓްޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމީ ދެކުނުގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއް ކަމަށްވެސް ބުނެފައިވެ އެވެ.