ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖެ އާއި ކަޒަކިސްތާނާއި ދެމެދު މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދާ އައިކާއޯގެ 41 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގަ އެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ކަޒަކިސްތާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓްގެ ސިވިލް އޭވިއޭޝަން ކޮމިޓީގެ ޗެއާމަން ތަލްގަތްލަސްޓާޔެވް އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ފެށުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެއްބާރުލުން ހޯދުމަށް ކަމަށެވެ.

ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް މިދިޔަ މަހުގެ 14ވަނަ ދުވަހުން ފެށިގެން އެ ޤައުމުން ގެންދަނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ ވެސް ދޫކުރަމުންނެވެ.

ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ފުރަތަމަ ޝެޑިއުލް ދަތުރުތައް ބާއްވަން ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

މި ދަތުރުތައް ފެށިއިރު ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު ބާއްވާފައިވަނީ ހަފްތާއަކު ދެ ދަތުރެވެ.

ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަޒަކިސްތާނާ ރާއްޖެއާ ދެމެދު ބޭއްވި ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.