މާލޭގައި ހިންގާ ވިލާ މާޓްގެ ތިން ފިހާރަ 24 ގަޑިއިރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވިލާ މާޓްތައް ހިންގާ ވިލާ ޓްރޭޑިން އިން ބުނީ އެ ކުންފުނީގެ ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުންނަށް ފެންވަރު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން ވަނީ އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރި ކުރެވޭ ގޮތް ހަމަޖައްސާފައި. އަޅުގަނޑުމެންގެ ވެބްސައިޓަކީ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން އީ-ކޮމާސް އަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕްލެޓްފޯމެއް،" އެ ކުންފުނިން ބުންޏެވެ.

ވިލާ ޓްރޭޑިން އިން ބުނީ އެ ވެބްސައިޓްގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަށް އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރު އެޕްލިކޭޝަން ވެސް ތައާރަފުކޮށްފައިވެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް އިސްކަން ދެނީ ފެންވަރު ރަނގަޅު ކާބޯތަކެތީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް. އޭގެ އިތުރުން ކޮސްމެޓިކްސް އާއި ގޭތެރެއަށް ބޭނުންވާ އެހެން ބާވަތްތައް ވެސް ހިމެނޭ. އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ބޭނުންވާ އެންމެ މަގުބޫލު އުފެއްދުންތައް ފޯރުކޮށްދޭ ބަޔަކަށްވުމުން،" އެ ކުންފުނިން ބުންޏެވެ.

ވިލާ މާޓް 3 ހުންނަނީ ގ. ފަތުރުވެހި، ރެހެންދި މަގުގަ އެވެ. ވިލާ މާޓް –2 ހުންނަނީ މއ. ކަޝިޝް. މަޖީދީ މަގުގަ އެވެ. އަދި ވިލާ މާޓު 1 ހުންނަނީ މ. ސްޓާ ބިލްޑިން، ފަރީދީ މަގުގަ އެވެ. މީގެ އިތުރުން ހިޔާ ފްލެޓް 14 ގައި ވެސް ވިލާ މާޓްގެ ފިހާރައެއް ހުރެ އެވެ.

ވިލާ މާޓުގެ ފިހާރަތަކަށް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ވިޔަފާރި ކުންފުނި، ވިލާ ގްރޫޕްގެ ސަބްސިޑަރީ، ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާ މާޓުތަކުން ހިދުމަތް ދޭން ފުރަތަމަ ފަށާފައި ވަނީ މާޗު 2021 ގަ އެވެ.