ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވައި ތަރައްގީކުރުމުގައި ދިރާގުން އަދާކޮށްފައިވާ މުހިންމު ދައުރު ދިވެހި ސަރުކާރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ފާހަގަކޮށް އެ ކުންފުނީގެ އަގުވަޒަންކޮށްފި އެވެ.

މިގޮތުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ހަފްލާގައި ދިރާގަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ "ޕްރެޒިޑެންޓްސް ގޯލްޑް އެވޯޑް ފޯ އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަންސް ޓު ދަ ޑިވެލޮޕްމަންޓް އޮފް ޓޫރިޒަމް އިން ދަ މޯލްޑިވްސް" އެވޯޑް ލިބިފަ އެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ވަނީ މަޓީގެ ފަރާތުން އަގުވަޒަންކުރުމުގެ "ފަތުރުވެރިކަމުގެ 50 އަހަރު" އެވޯޑް ވެސް ލިބިފަ އެވެ. މި ދެ އެވޯޑް ވެސް ދިރާގަށް ލިބިފައި ވަނީ ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތް ތަރައްގީކޮށް މީގެ ސަބަބުން ގައުމުގެ ޓޫރިޒަމް ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގައި އެ ކުންފުނިން އަދާކޮށްފައިވާ ދައުރު ފާހަގަކުރުމުގެ ގޮތުންނެވެ.

ދިރާގުން ވަނީ ރައީސް ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް" އެވޯޑްއާއި މަޓީގެ ފަރާތުން ދެއްވި "50 އަހަރުގެ ޓޫރިޒަމް" އެވޯޑް ލިބުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެކުންފުނީގެ ހިއްސާ އަގުވަޒަންކޮށް ދެއްވި އެވޯޑްތަކަށް ދިވެހި ސަރުކާރަށާއި ޓޫރިޒަމް ސިނާއަތަށް ވެސް ދިރާގުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.