މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 38 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަަނަށް ރާއްޖެއަށް ވަނީ 1.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 87،8317ޓޫރިސްޓުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުތައް ދަށަށް ދިޔަ ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އަދަދު ވަނީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރާ އަޅާ ބަލާއިރު، އިތުރުވެފަ އެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު އައި ޓޫރިސްޓުންގެ އަދަދު:

  1. ޖެނުއަރީމަހު: 13،1764 ޓޫރިސްޓުން
  2. ފެބްރުއަރީ: 149،008 ޓޫރިސްޓުން
  3. މާޗު: 15،0748 ޓޫރިސްޓުން
  4. އޭޕްރީލް: 145،280 ޓޫރިސްޓުން
  5. މޭ: 125،522 ޓޫރިސްޓުން
  6. ޖޫން: 110،889 ޓޫރިސްޓުން
  7. ޖުލައި: 133،561 ޓޫރިސްޓުން
  8. އޮގަސްޓް: 131،862 ޓޫރިސްޓުން
  9. ސެޕްޓެމްބަރު: 114،984 ޓޫރިސްޓުން

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 14.2 ޕަސެންޓަކީ އިންޑިއާ ޓޫރިސްޓުންނެވެ. އަދި 12 ޕަސެންޓް ހިއްސާއަކާއެކު ދެވަނައިގައި އޮތީ ރަޝިއާ އެވެ. 3 ވަނަ މާކެޓެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. އެއީ 11 ޕަސެންޓެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ކުރިއެރުންތައް ލިބެމުންދާއިރު، ރާއްޖެއިން ވަނީ މި އަހަރުގެ ނިޔަލަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފައިފަ އެވެ. އަދި މި އަމާޒް ހާސިލްކުރުމަށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.