އިންޑިއާގެ ޓުޓިކޮރިން އާއި ސ. ހިތަދޫ އަދި ގދ. ތިނަދުއާ ދެމެދު ބާއްވާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި ބޯޓު ހިތަދުއަށް މިއަދު ބަނދަރުކޮށްފި އެވެ.

އިންޑިއާއިން މިދިޔަ ހޯމަ ދުވަހު ފުރައިގެން ހިތަދުއަށް ދިޔަ ފުރަތަަމަ ކާގޯ ފެރީ ހިތަދޫ ބަނދަރަށް ވަދެފައި ވަނީ މިއަދު ހަވީރު 4:15 އެހާކެއް ހާއިރު އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ (އެމްއެސްއެސް)ން އޮޕަރޭޓްކުރާ "އެމްވީ ބޮންތި 2" ސައުތް އިންޓަރނޭޝަނަލް ޕޯޓްއަށް ވަނުމާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ވޯޓަ ސެލިއުޓެއް ދީފަ އެވެ.

އިންޑިއާ ޓުޓިކޮރިން އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯ އާއި އެމްއެސްއެސްގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެސްޓީއޯ

އެމްއެސްއެސް އިން ބުނީ ޓުޓިކޮރިން އިން ރާއްޖޭގެ ދެކުނަށް ދިޔަ ފުރަތަމަ ކާގޯ ފެރީގައި، 2،713.34 ޓަނުގެ މުދާ ގެންދިޔަ ކަމަށެވެ.

އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫއަށް ދިޔަ ފުރަތަަމަ ކާގޯ ފެރީއަށް މަރުޙަބާކިޔުމަށް އެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ.

އެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާ ޓުޓިކޮރިން އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ވެސް ވަނީ ކާގޯ ފެރީގެ ހިދުމަތް ދޭން ފަށައިފަ އެވެ. ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ.