މުޅި ދިވެހިރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމުގައި، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރެވެމުން ދަނީ އެއާޕޯޓުގެ މާސްޓާ ޕްލޭނާއި އެއްގޮތަށް ކަމަށެވެ. މިގޮތުން، ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާމް ގާއިމްކުރުމާއި، ސީޕްލޭން ޓާމިނަލްގެ އިތުރުން ޕެސެންޖަ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ގޮތުގެ މައްޗަށް އަލި އަޅުއްވާލެެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރެވުނު އެމަސައްކަތަކީ ހިނގަހިނގާ އޮތް އެއާޕޯޓެއްގެ ތެރޭގައި އައު އެއާޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއަރޕޯޓުގެ ތަރައްގީގެ މަޝްރޫއުތައް ހިނގަމުން ދިޔައިރު އެއާޕޯޓުގެ ހިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދެވުނުކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުން އަންނަ އިންޓަނޭޝަނަލް ފްލައިޓްތައް ވެލާނާ އެއާޕޯޓުގައި ޖެއްސުމާއި އެކު، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އަލަށް މިއަދު ހުޅުވުނު، އައު ސީޕްލޭން ޓާމިނަލާއި އެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ، އެއާޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފަ އެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްޤީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.