އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ނިމޭނެ ކަމަށާއި 31 ގެ ކުރިން މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންްސް މިނިސްޓްރީން ބުނެފި އެވެ.

ޕީއެސްއެމް ނިއުސްގެ "ބާބު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުުކުރުމުގައި މިހާރު ކުރަމުން އަންނަނީ ޕީއެސްއައިޕީގެ މަޝްރޫއުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫޢުތަކާ ބެހޭ މަޝްވަރާތައް ކަމަށެވެ.

"މިހާރު ހުރިހާ އޮފީސްތަކަކާ ބައްދަލުކޮށް އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށް ނިމިފައިވަނީ. މިވަގުތު މި ކުރަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަޕްޑޭޓުތައް ބެލުމާއި އެކަންކަން ފައިނަލްކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ. "އޭގެ އިތުރުން ބަޖެޓުގައި އަންނަ އަހަރު އަލަށް ހިމަނާނެ މަޝްރޫއުތަކާއި ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޖުމްލަކޮށް ފިސްކަލް ސްޓްރެޓަޖީ އާއި އެއްގޮތަށް ބަޖެޓު ކޮންސޮލިޑޭޓުކުރުމުގެ މަސައްކަތްކުރިއަށްދަނީ."

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓް ޖުމްލަ ވަނީ 36.99 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.