ދިވެހިން ރޭޑިއޯގްރަފީގެ ދާއިރާއަށް ތަމްރީންކުރުމުގެ ޕްރޮގްރާމެއް އެސްޓީއޯއިން އިފްތިތާހުކޮށްފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރޭޑިއޯގްރަފީއަށް ދިވެހިން ތަމްރީނުކުރުމުގެ ކޯސް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެސްޓީއޯއިން ބުނީ އެ ކޯސް ކުރިއަށް ގެންދަނީ ޖެނެރަލް އިލެކްޓްރޯނިކް (ޖީއީ) ހެލްތު ކެއާ އާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެން ކަމަށެވެ. އަދި މި ކޯހަށް ހުޅުވާލުމާއެކު 90 އަށް ވުރެ ގިނަ ދިވެހިން ކުރިމަތިލި ކަމަށާއި ނަމަވެސް ފުރަތަމަ ބެޗަށް ހޮވީ 25 ބައިވެރިން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެސްޓީއޯގެ ހަރަދުގައި އެ ކޯސް ފުރިހަމަކުރާ ބައިވެރިންނަށް ސްކޮލަޝިޕް ހަވާލުކޮށްފަ އެވެ. މި ސްކޮލަޝިޕްގެ ދަށުން ކޯހުގެ ފީ އާއި ޕޮކެޓް މަނީ ދޭނެ އެވެ.

ދެ އަހަރާއި ހަ މަސް ދުވަހުގެ އެ ކޯހުގައި ޓެކްނިކަލް އަދި ޕްރެކްޓިކަލް ތަމްރީނުތައް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި ދެ އަހަރުގެ ކިޔެވުމާ އެކު ހަ މަސް ދުވަހުގެ އިންޓާންޝިޕެއް އޮންނާނެ އެވެ.

ރާއްޖޭގައި މިހާރު ވެސް 150 އަށް ވުރެ ގިނަ ރޭޑިއޯގްރާފަރުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެސްޓީއޯއިން ބުނީ ރޭޑިއޯގްރަފީ ކޯސް ތައާރަފުކުރީ މުސާރަ ރަނގަޅު، ދިވެހިން ގަޔާވާނެ މުހިންމު ދާއިރާއަކަށް އެދާއިރާވާތީ ރޭޑިއޯގްރަފީ ދާއިރާއިން ގިނަ ދިވެހިން ތަމްރީން ކުރުމަށް ކަމަށެވެ.

ރޭޑިއޯގްރަފީ ކޯސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯ ވެސް ވަނީ އިފުތިތާހުކޮށްފަ އެވެ.