ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ އެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަސައްކަތް ނިމިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 19،895 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 9،900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 251 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން އަދި 15 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މިހާރު ހުރި ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން އަދި އާ ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނެ ކަމަށެވެ.

އަދި 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން އަދި މޫރިން ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 30.5 މިލިއަން ރުފިޔާ އެވެ.