ރާއްޖޭގެ ފުރަތަމަ ފްލޯޓިން ރިސޯޓު ވ. އަތޮޅުގައި ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ވ. އަތޮޅު ކައުންސިލުން އެ ރިސޯޓު ހަދަން ހަވާލުކުރީ ލެވިނީ ހޮޓެލްސް މޯލްޑިވްސް ކިޔާ ކުންފުންޏަކާއެކު އެވެ.

މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލުގެ ރައީސް އަލީ ސުޖާއު އެވެ. އަދި ލެވިނީ ހޮޓެލްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ނައިބު ރައީސް ޑރ. ވަރިސާ ލިމްސަކުލް އެވެ.

ކައުންސިލުން ބުނިގޮތުގައި 6،038 އަކަމީޓަރުގެ އެ ރިސޯޓް ތަރައްގީކުރަން ހަމަޖެހިފައި ވަނީ ރަކީދޫ ބޭރުގައި އޮންނަ ފަޅެއްގަ އެވެ. މިއީ ކަނޑު އަޑީގެ ރީތިކަން ފެންނަ އިންތިޒާމުތަކާއެކު، 40 ކޮޓަރީ ހިމެނޭ ގޮތަށް ތަރައްގީކުރާ ރިސޯޓެކެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ތަފާތު އެކި ރަހަތަކަށް ހާއްސަ ފަސް ރެސްޓޯރަންޓާއި، މުވައްޒަފުންނަށް ޚާއްސަކޮށް ދެ ޢިމާރާތެއް ވެސް މި ރިސޯޓްގައި ތަރައްގީކުރާނެ ކަމަށެވެ. އަދި މިރިސޯޓަކީ ވ. އަތޮޅުގެ ތަރައްގީއަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ މި ރިސޯޓްގެ މަސައްކަތް 36 މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެ އެވެ.