މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ފާސްކޮށްފި އެވެ.

ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގއި މި ބިލުގެ ބަހުސް ވަނީ ނިންމާލާފަ އެވެ. ބިލު ބަލައިގަތުމާއެކު ބިލް ވަނީ ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މަޖިލީހަށް އެ ބިލް ތައާރަފުކޮށް ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އިސްލާހު ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތައަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިހާރު ހުށައަޅާފައިވާ ގޮތަށް ޓެކްސް ބޮޑުކުރަން ތާއީދު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.