ދިވެހިރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިޝްތިހާރުކުރަން އެމެރިކާގެ ސީއެންއެންއާއެކު ކުރިއަށްގެންދާ ކެމްޕެއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އިތުރަށް ފުޅާކޮށްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކެމްޕެއިންގެ ދަށުން ޗުއްޓީ ހޭދަކުރަން އާ މަންޒިލްތައް ހޯދަމުން އަންނަ ޓޫރިސްޓުންނަށް، ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ ރައްކާތެރި އަދި އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޗެނަލް ސީއެންއެންއާއެކު ކުރިއަށްދާ ކެމްޕެއިން ފެށީ ރާއްޖޭ ބޯޑަރު އަލުން ހުޅުވުމާ ދިމާކޮށެވެ.

އެ ކުންފުނިން ބުނީ އެ ކެމްޕެއިން ކުރިއަށްދާނީ ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޓީވީ އިޝްތިހާރުތަކާއި ވިންޔެޓް އަދި ސީއެންއެން ސައިޓްގައި ފެނިގެންދާ ޑިޖިޓަލް ބެނާތަކެއް މެދުވެރިކޮށް ކަމަށެވެ.

ސީއެންއެންއާއެކު ކުރިއަށްގެންދާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމްގެ އިތުރުން، ރާއްޖޭގެ ޑައިވަރުންނާއި، ޝެފުން އަދި އިތުރު ހުނަރުވެރިންގެ ހަރަކާތްތައް ވެސް އަންނަނީ ދައްކާލަމުންނެވެ. އަދި ޓޫރިޒަމް މިނިސްޓަރުގެ އިންޓަވިއުތައް ވެސް ދޭތެރެދޭތެރެ އިން ސީއެންއެންއިން ފޮނުވަ އެވެ.

ހަބަރުފަތުރާ އެންމެ ވަރުގަދަ ޗެނަލްއާއެކު ފެށި ކެމްޕެއިންއަކީ ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފެށި މިފަދަ ފުރަތަމަ ކެމްޕެއިނެވެ. އޭގެ އިތުރުން މިހާތަނަށް ރާއްޖެ އިޝްތިހާރުކުރުމަށް 22 މާކެޓެއްގައި 412 ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ.