ށ. ކީކިމިނީގައި ގާއިމްކޮށްފައިވާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އިން މަސް ގަންނަން ފަށައިފި އެވެ.

ވިލާ ގްރޫޕްގެ ދަށުން ހިންގާ އައިލެންޑް އެންޓާޕްރައިޒަސްގެ ކީކިމިނީއަށް ކަނޑުމަސް ގަންނަން ފެށީ އިއްޔެ އިން ފެށިގެންނެވެ.

ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،900 ޓަނުގެ ކޯލްޑް ސްޓޯރެޖެއް ހުންނަ ފެކްޓަރީއެކެވެ.

އެ ކުންފުނިން ބުނީ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނެސް، މަސް ކިރުމުގެ މަސައްކަތް އެ ރަށުގައި މިހާރު ފަށާފައިވާ ކަމަށެވެ.

އައިލެންޑް އެންޓަޕްރައިސަސްގެ ށ. ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއަށް ދޯންޏެއް މަސްކިރުވަނީ.

މަސް ނުކިރާތާ ގިނަ ދުވަސްތަކަކށްފަ ހު ކީކިމިނީގައި މަސް ކިރަން ފަށާފައިވާއިރު، މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ވަނީ ހަމަޖައްސައިފަ އެވެ. ގުޅަން ހާއްސަކޮށްފައިވާ ދެ ނަންބަރަކީ 799230 އާއި 9754667 އެވެ.

ކީކިމިނީއަށް މި ވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންޏެއްޔެވެ. އެގޮތުން މަސް ގަންނަނީ 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށް ނަމަ 5.5 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކީކިމިނި އޮޕަރޭޝަނަށް ގެނެސްފައިވާއިރު، މިއީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.